މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭރު ފައިސާ ލިބުނު މިންވަރަށް ވުރެ ވިއްކި އަދަދު އިތުރުވުމާ ގުޅިގެން، ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 547.7 މިލިއަން ޑޮލަރަށް ދަށްވެއްޖެއެވެ. މިއީ އޮގަސްޓު މަހު ރިޒާވުގައި ހުރި 643.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 14.9 ޕަސަންޓުގެ ދަށްވުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 200.6 މިލިއަން ޑޮލަރު ހުރި ނަމަވެސް، ސެޕްޓެމްބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 15.4 ޕަސަންޓު ދަށްވެ، 167.7 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.
މަރުކަޒީ ބޭންކުން ބުނީ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާ ވިއްކި އަދަދު އިތުރުވުން ކަމަށެވެ. އެގޮތުން އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު ވަނީ 46.9 ޕަސަންޓު އިތުރުވެފައެވެ.
ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވި މައިގަނޑު އެއް ސަބަބަކީ، 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓަށް އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ދައްކަން އޮތް ފަހު 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު މަހު ދައްކައި ހަލާސްކުރުމަށް ސަރުކާރަށް ޑޮލަރު ވިއްކުމެވެ. މީގެ އިތުރުން ބޭރު ފައިސާގެ ބާޒާރަށް ލުއި ދިނުމަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެސް ބޭންކުތަކަށް އެމްއެމްއޭއިން ވަނީ ޑޮލަރު ދޫކޮށްފައެވެ.
ބޭރު ފައިސާގެ ގާނޫނުގެ ދަށުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭއިރު، އޭގެ ތެރެއިން 90 ޕަސަންޓު ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކައެވެ. އެމްއެމްއޭއިން މި ފައިސާ ބޭނުންކުރަނީ ރިޒާވް ވަރުގަދަކުރުމަށާއި ބާޒާރުގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ދޫކުރުމަށެވެ.
