ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، މި މަހުގެ 20 އިން 22 އަށް އެ ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ 2015 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު، ރާއްޖޭގެ ވެރިއަކު އެ ގައުމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ކަމާބެހޭ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފާއި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ރައީސް މުއިއްޒު ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ދެ ގައުމުގެ ވެރިންގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ސަރަހައްދީ މަސްލަހަތުތަކާއި ސާކް ޖަމްއިއްޔާ އަލުން ހަރަކާތްތެރިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އދ. އާއި އޯއައިސީ ފަދަ އިންޓަނޭޝަނަލް މައިދާންތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ މެދުވެސް ހިޔާލު ބަދަލުކުރައްވާނެ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިންމު 12 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާއި، ސިއްހީ ދާއިރާއާއި މަތީ ތައުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.
މީގެ އިތުރުން މާލީ ދާއިރާ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ ގުޅުން، ޓޫރިޒަމް، މޫސުމީ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ވެސް ގުޅުން ވަރުގަދަކުރުމަށް ހާއްސަ އެއްބަސްވުންތަކެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަން އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
