މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން 14 ބިމެއް ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ހަމަޖައްސައި އެ ސަރަހައްދުތަކުގައި ހިންގާނެ މަޝްރޫއުތައް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ. މި ބިންތައް ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުންނެވެ.
ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރި ބިންތަކުގެ ތެރޭގައި މާލޭގެ މުހިންމު އަދި އާންމުން އެންމެ ގިނައިން ބޭނުންކުރާ މަޝްހޫރު ސަރަހައްދުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސަލްޓަން ޕާކާއި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓާއި، ރަސްފަންނު އަދި ކާނިވާ ކެފޭ ޕާކިން އޭރިއާ ހިމެނެ އެވެ.
މި ބަދަލާ ގުޅިގެން ކޮންމެ ބިމެއްގައި ވަކިވަކިން ކުރިއަށްގެންދާނެ މަޝްރޫއުތަކުގެ ތަފްސީލު ވެސް ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން، ސަލްޓަން ޕާކު އަދި މިއުޒިއަމް އޭރިއާގައި އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ތަރައްގީކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން، މަސް މާރުކޭޓު ހުރި ބިމުގައި އޮފީސް އަދި ވިޔަފާރިއަށް ކުއްޔަށްދޭ އިމާރާތެއް އެޅުމަށާއި، ލޯކަލް މާރުކޭޓު ޒަމާނީ މާރުކޭޓު ކޮމްޕްލެކްސެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ހުރި ސަރަހައްދުގައި މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓެއް ހިންގުމަށް ވެސް ވަނީ ރާވާފަ އެވެ.
ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަގްސަދަކީ ހުސްކޮށްހުރި ބިންތަކާއި އާންމު ސަރަހައްދުތައް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ދެމެހެއްޓެނިވި އުސޫލަކުން ތަރައްގީކޮށް ބެލެހެއްޓުން ކަމަށެވެ.
