އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ވަރަށް ގިނަ ގުނަވަންތަކެއްގެ މައްޗަށެވެ. އެގޮތުން ހުންކޮއްޓަކީ (ސްޕްލީންއަކީ) އޭގެ ވާހަކަ ދެކެވޭލެއް ވަރަށް މަދު ގުނަވަނެކެވެ. އެގޮތުން މި ލިޔުމުގައި ހުންކޮށީގެ މަސައްކަތްތަކަށް ބަލައިލާނަމެވެ.
ހުންކޮއްޓަކީ އިންސާނާގެ ހަށިގަނޑުގައިވާ ވިހަ ބޭރުކުރާ ނިޒާމުގެ ގުނަވަނެކެވެ. އާދެ ލިންޕެޓިކް ސިސްޓަމްގެ ގުނަވަނެކެވެ. ހުންކޮށި އިންނަނީ މޭކަށި ތަކުގެ ފަހަތުން ޑައިފްރާމްގެ ތިރިން މައިދާގެ މަތިން ފަހަތަށް ވާ ގޮތަށެވެ.
އަތުގެ މުށުގެ ބައްޓަމަށް ހުންނަ މި ގުނަވަނަކީ ދަނބު ކުލައިގެ ގުނަވަނެކެވެ. އޭގެ ބަރުދަނުގައި 6 އައުންސް ހުރެއެވެ. ހުންކޮށީގެ ބޮޑުމިން އިންސާނާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބަލާ ބަދަލުވެއެވެ. އެގޮތުން އިންސާނާގެ ބަލިހާލަތު ގޯސް ނަމަ ހުންކޮށީގެ ސައިޒު ބޮޑުވެއެވެ.
ހުންކޮށީގެ މަސައްކަތްތަކަށް ބަލާއިރު ހުންކޮށްޓަކީ އިންސާނާގެ ހަށިގަނޑުގައިވާ ލޭ ސާފުކޮށްދިނުމެވެ. އެގޮތައް ލޭގެ ތެރޭގައި ހުންނަ އޮކްސިޖަން އުފުލާ ހަތާ ތަކާއި (ހަތައޭ މި ކިޔަނީ ސެލް އަށެވެ.) ލޭ މަނާކުރުމަށް އެހީވެދޭ ހަތާތައް ސާފުކޮށްދެއެވެ. މިގޮތައް ސާފުކުރެވެނީ އެ ހަތާތަކުގެ ތެރެއިން އަނިޔާލިބިފައިވާ ހަތާތަކާއި ދުވަސްވެފައިވެ ބަލިކަށިވެފައިވާ ހަތާތައް ހަލާކުކޮށްލާއިގެންނެވެ.
ހުންކޮށީގެ ތެރޭގައި އައު ލޭގެ ހަތާތަށް ޖަމާކޮށްފައި ބަހައްޓައެވެ. އަދި މިގޮތަށް ޖަމާކޮށްފައި ހުންނަ ހަތާތައް، އިންސާނާގެ ހަށިގަނޑު އެ ހަތާތަކަށް ބޭނުންވާ ވަގުތު، ލޭގެ ތެރެއަށް ފޮނުވައިދެއެވެ. މިގޮތަށް ހުންކޮށީގައި ޖަމާކުރެވިފައި ހުންނަ ހަތާތަކަކީ، ރެޑް ބްލަޑް ސެލްސް، ވައިޓް ބްލަޑް ސެލްސް، އަދި ޕްލޭޓްލެޓްސް އެވެ.
އެގޮތުން ވައިޓް ސެލްސް ނުވަތަ ދިފާއީ ހަތާތަކަކީ ހަށިގަނޑަށް ޖަރާސީމެއް ނުވަތަ ވައިރަހެއް ވަނުމުން ލޭގެ ތެރެއަށް ފޮނުވައިދޭ ހަތާތަކެކެވެ. ދިފާއީ ނިޒާމުގައި ހުންކޮށި އަދާކުރާ ދައުރަކީ މިއީއެވެ.
ހުންކޮށީގެ ވާހަކަ ނުވަތަ މި ނަމަކީވެސް ދިވެހިންގެ ތެރޭގައި އާންމު ވާހަކައެއް ނުވަތަ ނަމެއް ނޫނެވެ. އެހެނަސް މި ގުނަވަނުގެ މަސައްކަތަކީ އިންސާނާގެ ހަށިގަނޑު ތަރުރީބުކަމާއިއެކު މަސައްކަތް ކުރުމަށް ވަރަށްވެސް މުހިންމު މަސައްކަތް ތަކެކެވެ.
