ކެމްބޯޑިއާގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ "އޭއައި ފޯ ކްލައިމެޓް އެކްޝަން ފޯރަމް 2026" ގައި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ރާނިޔާ ސުއޫދު ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ޓެކްނޮލޮޖީގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ފޯރަމްގެ ތެރެއިން ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަނެއްގައި ރާނިޔާ ވަނީ މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އެގޮތުން އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް ރާނިޔާގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވިއެވެ. އަދި މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރާއިރު އިތުބާރު ހުރި އަދި ފަސޭހައިން ލިބެންހުންނަ މައުލޫމާތު ބޭނުންކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާނިޔާ ވިދާޅުވީ އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ހަރުދަނާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންކަމުން މި ދާއިރާއިން ކުރިއަށްދާއިރު ހަމަޖެހޭ އޮނިގަނޑެއްގެ ތެރެއިން ކަންކަން ރޭވިގެން ދިއުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންކުރާ އޭއައި ވަސީލަތްތަކަކީ މުޖުތަމައުގެ ބޭނުންތަކަށާއި ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ އިސްކަންދޭ ކަންކަމަށް ރިއާޔަތްކުރާ ވަސީލަތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި މި ޓެކްނޮލޮޖީ ވާންވާނީ އިންސާފުވެރި ބަދަލަކަށް މަގުފަހިކޮށްދޭ އެއްޗަކަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
