ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، "އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީސީއާރްއެފްއެސް) ޕްރޮޖެކްޓާއި ގާޒީ ސްކޫލް ގުޅިގެން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ "ވިލުންވެށި" ސްކޫލް ގާޑަން ޕްރޮގްރާމުގެ ދަށުންނެވެ.
މި ހަރަކާތަކީ ދަރިވަރުން ބައިވެރިވެގެން ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ބޭރުގައި ކުރިއަށް ގެންދިޔަ ގާޑަން ސެޝަނެކެވެ. މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އިނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" ނުވަތަ "މިއަދުގެ އީޖާދު، މާދަމާގެ ދުޅަހެޔޮކަން" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ކާބޯތަކެތި އުފެއްދުމުގައި ބޭނުންކުރާ ޒަމާނީ އަދި އީޖާދީ އުސޫލުތަކާ ބެހޭގޮތުން ދަރިވަރުން ވަނީ މައުލޫމާތު ހޯދާފައެވެ.
ހަމައެއާއެކު، މިހާރު ދަނޑުވެރިކަމުގައި ބޭނުންކުރަމުންދާ އެކި އުކުޅުތައް ދެނެގަނެ، ކުރިމަގުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާ ވިސްނުންތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާ މެދު ދަރިވަރުންގެ މެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މި ސެޝަންގައި އަމަލީ ގޮތުން ދަނޑުވެރިކަން ދަސްކުރުމުގެ އިތުރުން، ފުންކޮށް ވިސްނުމަށް ބާރުއަޅާ ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ މައިގަނޑު ބޭނުމަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނެ ނިޒާމެއް ބިނާކުރުމުގައި ދަރިވަރުންނަށް އަދާކުރެވިދާނެ ދައުރާ މެދު ވިސްނައި، އެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމެވެ.
މިފަދަ ހަރަކާތްތަކަކީ ކުރިމަގުގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ތިމާވެއްޓާ ރައްޓެހި އީޖާދީ ދަނޑުވެރިކަމަށް ޒުވާން ޖީލު ހޭލުންތެރިކުރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.
