އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިގެން ކުރިއަށް އެބަދެއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގައި ސާފު ހަކަތަ އުފެއްދުން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

މި ޕެކޭޖުގެ ތެރޭގައި ސޯލާ ހަކަތަ އުފެއްދުމުގެ އިތުރުން، އެ ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިއީ ރަށްރަށުގައި ކަރަންޓު ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމަށް އެޅޭ ބޮޑު ބާރެކެވެ.

މި ސިލްސިލާ ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ރައްޔިތުންނަށް މަޝްރޫއުގެ ލަނޑުދަނޑިތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިންމުކަމާއި އޭގެ ފައިދާތައް އޮޅުންފިލުވައިދިނުމެވެ. މީގެ އިތުރުން، މަޝްރޫއާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައްވެސް މި ސެޝަންތަކުގައި ވަނީ ބަޔާންކޮށްދީފައެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން ސެޝަންތައް ބާއްވާފައިވަނީ ށަވިޔަނި ފުނަދޫގެ އިތުރުން ލާމު އަތޮޅު މާބައިދޫ އަދި ކުނަހަންދޫގައެވެ. މި ބައްދަލުވުންތަކުގައި ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި، ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުގެ އޮފިޝަލުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ބައްދަލުވުންތަކުގައި އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ، މަޝްރޫއާ ގުޅޭގޮތުން ހުށަހެޅި ހިޔާލުތަކަށް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ގައުމަކަށް ހެދުމަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުންތަކުގައި ވަނީ ވާހަކަދެކެވިފައެވެ.