މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފައިވަނިކޮށް، އެ ފެންގަނޑުގެ ތެރޭގައި ކުދި މަސްތަކެއް އުޅޭ މަންޒަރު ފެންނަ ފޮޓޯތަކަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ. ފެންގަނޑު ތެރެއިން ފެނިފައިވަނީ އާންމުކޮށް ގޭގޭގައި ޓޭންކުތަކުގައި ގެންގުޅޭ ފަދަ ކުދި މަސްތަކެކެވެ.
މި މަސްތަކަކީ ކޮންތާކުން އައި މަސްތަކެއް ކަމާމެދު އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސަކަށް ވެފައެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ކާނުތަކުގައި ފެން ހެދިފައި ހުންނާތީ، މަދިރި އާލާވިޔަ ނުދިނުމަށްޓަކައި ބަޔަކު ގަސްދުގައި ކާނުތަކަށް އަޅާފައިވާ މަސްތަކެކެވެ. ނަމަވެސް އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ މީހުން ޓޭންކުތަކުން އުކާލާފައިވާ މަސްތަކެކެވެ.
ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓަކަށް ކޮމެންޓު ކުރި މީހަކު ބުނެފައިވާ ގޮތުގައި، ދަރުބާރުގެ ކައިރީގައި ހުރި ކާނުތައް ސާފުކުރި ދުވަހެއްގައިވެސް ކާނުތަކުގެ ތެރެއިން މިފަދަ މަސްތަކެއް ފެނިފައިވެއެވެ. މީގެ އިތުރުން ޝަހީދު އަލީ މިސްކިތް ކައިރިންވެސް މި މަސްތައް ފެނިފައިވާ ކަމަށް އެހެން މީހަކު ވަނީ ބުނެފައެވެ.
މަގުމަތީގައި ފެން ބޮޑުވެފައި އޮތް ވަގުތު، ބައެއް ބިދޭސީ މަސައްކަތްތެރިން ނެޓު ފަދަ ތަކެތި ބޭނުންކޮށްގެން ފެންގަނޑު ތެރެއިން މި މަސްތައް ހިފަން އުޅުނު ކަމަށްވެސް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.
މި މަސްތަކުގެ ހަގީގަތާމެދު އާންމުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ ސީދާ ކޮންތާކުން، ކިހިނެއް އައިސްގެން އުޅޭ މަސްތަކެއްކަން އަދި ކަށަވަރެއް ނުވެއެވެ.
