އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން 2-0 އިން ރާއްޖޭގެ މާޒިޔާ ބަލިވިއިރު، އިންޑިއާގެ ދެ ޓީމުގެ ކުރިމަތިލުމުގައި ބެންގަލޫރު އެފްސީގެ މައްޗަށް އޭޓިކޭ މޯހަން ބަގާން ކުރިހޯދީ ވެސް ހަމަ މިނަތީޖާއިންނެވެ.

މިއީ އޭއެފްސީ ކަޕް މެޗެއްގައި ބަންގްލަދޭޝްގެ ޓީމެއް އަތުން މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ. މީގެކުރީން، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެއްނުވެއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބަޝުންދަރާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ 25 ވަނަ މިނެޓުގައި މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އިރުފާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ގޯލާއި 30 ޔާޑު ދުރުން މާޒިޔާގެ ފަހަތަށް ދިޔަ ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އިރުފާން ފޮނުވާލުމުން އެ ޓީމުގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ކުރިއަށް އަރައި ހުރި ވަގުތު ގޯލްގެ ތެރެއަށް އޮއްސިގެން ވަތް ގޯލެކެވެ.

ރޭގެ މެޗުގައި ބަޝުންދަރާ އިން ޖެހި ދެވަނަ ގޯލަކީ 40 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެ ޓީމުގެ ފޯވާޑް ރޮބީނިއޯ ކާމިޔާބުކުރި ގޯލެކެވެ. އޭނާ މި ގޯލް ޖެހިއިރު މާޒިޔާގެ ކީޕަރު މިރްޒޮހިދަށް މާބޮޑު ކަމެއް ނުކުރެވުނެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން ދަނިކޮށް ރައުލް ބެސޭރާ ވަނީ ބަޝުންދަރާގެ ލީޑް ފުޅާކުރުމާ ގާތަށް ޖެހިލާފައެވެ. ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި ބަޝުންދަރާގެ ރޮބީނިއޯ އާއި ބެސޭރާ އަށް އެ ޓީމުގެ ލީޑް އިތުރަށް ފުޅާކުރުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، މި ހާފުގައި މާޒިޔާ އަށް ލިބުނު ހިލޭޖެހުމަކުން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ބަޝުންދަރާގެ ގޯލްކީޕަރު އަނީސުރް ރަހުމާން މަތަކުރިއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބެންގަލޫރު އަތުން 2-0 ގެ ނަތީޖާއަކުން މޯހަން ބަގާން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން ރޯއީ ކްރިޝްނާ އާއި ސުބަޝިޝް ބޯސް އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 39 ވަނަ މިނެޓުގައި ކްރިޝްނާ ކާމިޔާބުކުރީ އަޔަލެންޑްގެ ކާލް މެކްހިއު ދިން ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި އޭގެފަހުން، މޯހަން ބަގާންގެ ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ހޫގޯ ބޯމަސް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ބޯސް އެވެ.