މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. ސީޕީ މިކަން ހާމަކުރެއްވީ މި މަހު ފާހަގަކުރާ ސައިބާ ސެކިއުރިޓީ އެވެއާނަސްއާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.
ސީޕީ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 ޕަސަންޓު މީހުން އިންޓަނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާއިރު، ދިވެހި މުޖުތަމައަކީ ޑިޖިޓަލް ގޮތުން ގުޅިލާމެހިފައިވާ މުޖުތަމައެއް ކަމަށެވެ. ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް ލުއިފަސޭހަކަން ލިބުނު ނަމަވެސް، އިންޓަނެޓްގެ ޒަރީއާއިން ކުރިމަތިވާ ނުރައްކާތައް ފެތުރިގެންދާ ދުވެލިވެސް އެތައް ގުނައަކަށް ހަލުވިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި ސީޕީ ވިދާޅުވީ، ސައިބާ ކުށްތަކުގެ ތެރެއިން 68 ޕަސަންޓަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖުތަކާއި، އަޑާއި ވީޑިއޯ އުފައްދައިގެން މީހުން މަޅީގައި ޖެއްސުމަށް ކުށްވެރިން ނުރައްކާތެރި އުކުޅުތައް ބޭނުންކުރަމުންދާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ކުށްތަކުގައި މީހުން ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތައް ވެސް ސީޕީ ވަނީ ވިދާޅުވެދެއްވާފައެވެ. އެގޮތުން ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން މީހުންނާ ހިއްސާކުރުމުގެ އިތުރުން، އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައިބާ ކުށްތައް ހުއްޓުވައި ތަހުގީގުތައް ހަރުދަނާ ކުރުމަށްޓަކައި، ފުލުހުން ދަނީ ޒަމާނީ ވަސީލަތްތައް ހޯދައި ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހަމައެއާއެކު، ޑިޖިޓަލް ރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަމުންދާ ކަމަށްވެސް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވިއެވެ.
