މާލޭގައި އެތައް ބަޔަކަށް ގޯނާކުރަމުންދިޔަ އަހުމަދު ފައިރިޝްގެ މައްސަލައިގައި ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންވުމާއެކު، ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފިއެވެ. އޭނާ މި ހަޅުތާލު ނިންމާލީ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި 35 ގަޑިއިރު ހޭދަކުރުމަށް ފަހުގައެވެ.
ސައީދު ބުނީ މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހަޅުތާލު ކުރި ސަރަހައްދަށް ވަޑައިގެން، ކޭސްތައް އަލުން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް މި މައްސަލަ ވަރަށް ކައިރިން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާތީ، ކަމާބެހޭ ފަރާތްތަކަށާއި މީޑިއާތަކަށް އަދި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނަށް ފައިރިޝްގެ ފަރާތުން ދިޔައީ ގިނަ އުނދަގޫތަކެއް ފޯރަމުންނެވެ. އޭގެ ތެރޭގައި މަގުމަތިން ހިނގާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމާއި، ސައިކަލުތައް ވައްޓާލައި މަގު ބަންދުކުރުމާއި، މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުމުގެ އިތުރުން ގޭގެއަށް ކުނިއެޅުން ފަދަ ކަންކަން ހިމެނެއެވެ. އަދި ދަންވަރު ހަޅޭއްލެވުމާއި ގޭގެއަށް ވަގަށް ވަނުން ފަދަ ކަންކަން ވެސް އޭނާ ދިޔައީ ކުރަމުންނެވެ.
މި މައްސަލައިގައި ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ސައީދު ބުނީ، "އިއްޔެއާ ހަމައަށް ބަލާލިއިރު، ޕޮލިސްގައި ލޮޖްކޮށްފައި ހުރި ބައެއް ކޭސްތައް ހުރީ ކްލޯސްކޮށްފައި. މިނިސްޓަރު އަންގަވައިގެން ދެންނެވި މި ކޭސްތައް އޯޕަންކޮށްފައި އޭގައި ހުރި އިޝޫސްތައް ރެއިސް ކުރައްވާނެ ކަމަށް،" އެވެ. އަދި މީގެ ކުރިން ނުނެގުނު މައްސަލަތައް އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން އެ މައްސަލަތައް އަލުން ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފައިރިޝްގެ ފަރާތުން އާންމުންނަށް ލިބެމުންދިޔަ އަނިޔާތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުމަށްފަހު، ސައީދު ފެށި ހަޅުތާލާއެކު އޭނާ ވަނީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
