ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ބަލި މަޑު ކަމަކީ ކޮވިޑް-19ގެ ބަލިމަޑު ކަމެވެ. ބަލީގެ ސަބަބުން ގިނަ ބަޔަކު މި ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ސައިންސްވެރިން ވަނީ ރެއާއި ދުވާލު މަސައްކަތް ކޮށްގެން ބަލިން ރައްކާތެރިވުމަށް އެތައް ވެކްސިނެއް އުފައްދާފައެވެ.

ކޮވިޑް-19 އަށް އުފެއްދި ވެކްސިން ތަކަކީ މިހާތަނަށް އެންމެ އަވަހަށް އުފައްދާފައިވާ ވެކްސިންތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނެއެވެ. މާނައަކީ ހުރިހާ ތަހުލީލުތައް އެހާ އަވަހަށް ފުރިހަމަ ކޮށް ނިންމާލި ވެކްސިނެވެ. އާއްމުކޮށް ވެކްސިނެއް އުފެއްދުމަށް 10 އަހަރާ 15 އަހަރާ ދޭތެރޭ މުއްދަތު ނަގައެވެ. އެހެން ނަމަވެސް ކޮވިޑް19ގެ ވެކްސިން އަހަރެއްގެ ތެރޭ ސައިންސްވެރިން ވަނީ އުފައްދާފައެވެ.

މިހާ ކުރު މުއްދަތެއްގައި ވެކްސިނެއް އުފެއްދުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވެކްސިން ޖެހުމަށް ޖެހިލުންވާކަން ފާހަގަވެއެވެ. އެކަން 2019 ވަނަ އަހަރު ސިއްހަތު ޖަމުއިއްޔާއިން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އެ ޖަމުއިއްޔާއިން ވަނީ ވެކްސިން ޖެހުމަށް ޖެހިލުންވާ ބައެއް ފަރާތްތަކުން އުޅޭ ކަމަށް ބުނެ، އެއީ ދުނިޔެއަށް އޮތް ބިރެއް އަދި ނުރައްކަލެއް ކަމުގައި ސިފަކޮށްފައެވެ.

ވެކްސިން ޖެހުމަށް ޖެހިލުންވާ ބައެއް ފަރާތްތަކުން ތިބި ނަމަވެސް، ޔުނިސެފުން ބުނީ ވެކްސިންގެ ސަބަބުން ދުނިޔެއިން ފެންނަ ނުރައްކާތެރި ބަލިތަކުން މީހުން ސަލާމަތްވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ގަރުނުގެ ތެރޭގައި ވެސް ވެކްސިންގެ ސަބަބުން އެތައް ބަލިތަކަކުން އިންސާނީ ނަސްލުވަނީ ސަލާމަތް ވެފައެވެ.

އަދި ކޮންމެ މިނެޓެއްގައި ވެކްސިންގެ ސަބަބުން ފަސް މީހުންގެ ފުރާނަ ސަލާމަތްވާ ކަމަށް ވެސް އެ ޖަމުއިއްޔާގެ ރިޕޯޓެއްގައި ބަޔާންކޮށްފައި ވެއެވެ.

މިހާތަނަށް ވެކްސިންގެ ސަބަބުން ރައްކާތެރިކަން ލިބިފައިވާ ބަލި ތަކުގެ ލިސްޓެއް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި ޕޯލިއޯ، ޓެޓަނުސް ނުވަތަ އިދިފުށަށް ދަމާ ބަލި، ހިމަބިހި، އިންފްލުއެންޒާ، ހެޕަޓައިޓިސް އޭ އަދި ބީ، ރުބެއްލާ، އެޗް.އައި.ބީ، ހޯއްގޮވާ ކެއްސުން، ކޯފުއްޕި އަދި ޗިކެންޕޮކްސް ހިމެނެއެވެ.

މިއީ ވެކްސިންގެ ސަބަބުން ދުނިޔެ ދެކިފައިވާ ހިތްހަމަޖެހުންތަކެކެވެ. ވީއިރު، މިއަދު ވެކްސިން ޖެހުމަށް ޖެހިލުންވާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަވަސްވެލައްވާށެވެ. ތިބާ އާއި ތިބާގެ އަހުލުންގެ ރައްކާތެރިކަން ތިބާ ހޯދާށެވެ.