އިތުރު އާ ޓެކްސްތަކެއް ތައާރަފުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، މިހާރުގެ މައިގަނޑު އަމާޒަކީ ޓެކްސް ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ބައްދައި އެ ނިޒާމު ހަރުދަނާކޮށް ހިންގުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި، އިތުރު ޓެކްސްތަކެއް ތައާރަފުކުރުމަށް ސަރުކާރުން ވިސްނަމުންދޭތޯ އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ވިސްނުން ބޮޑަށް ހުރީ ދައުލަތުގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ. އެގޮތުން އާ ޓެކްސްތަކެއް ނެގުމުގެ ބަދަލުގައި، ޓެކްސް ނިޒާމުގެ ތެރޭގައި ހުރި އެކި ލޫޕްހޯލްތައް ބައްދައި، ނިޒާމުގެ މަސައްކަތްތައް ހަރުދަނާ އަދި އެފިޝިއެންޓް ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޓެކްސް އެޑްމިނިސްޓްރޭޝަން ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު އިދާރީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސް ވަރަށް ފަހުން ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، 2024 ވަނަ އަހަރުގެ ތެރޭގައި ޓެކްސް ގާނޫނުތަކަށް ބަދަލުތަކެއް ގެނެވި ބައެއް ރޭޓްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، މިހާރު އިސްކަންދެނީ ޓެކްސް ލީކޭޖްތައް ހައްލުކުރުމަށް ބޭނުންވާ ޒަމާނީ ސިސްޓަމްތައް ތަންފީޒުކުރުމަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ތައާރަފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ޓެކްސްގެ ހުރި ލޫޕްހޯލްސްތައް ބައްދައި އަދި ޓެކްސް ސިސްޓަމް އެފިޝިއެންޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޓެކްސްގެ ސިސްޓަމްސްތައް އިމްޕްލިމެންޓްކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ސިސްޓަމާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ޓޫރިސްޓަކު އައިސް އިމިގްރޭޝަން ހުރަސްކުރާ ހިސާބުން ފެށިގެން އެ މީހަކު ރާއްޖެ އެތެރެވިކަން ސިސްޓަމަށް އެނގޭނެ ކަމަށެވެ. އަދި އެ މީހަކު އެކޮމޮޑޭޝަން ފެސިލިޓީއަކަށް ގޮސް ޗެކިން ވުމުން އެކަންވެސް ވަގުތުން ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ. މިފަދަ ޒަމާނީ ސިސްޓަމްތައް މެދުވެރިކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން، ޓެކްސްގެ އާމްދަނީ ގެއްލިގެންދާ ދޮރުތައް ބަންދުކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކަށަވަރުކުރުމަކީ މިވަގުތުގެ އެންމެ ބޮޑު އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.