ހޮލީވުޑްގެ އެކްޝަން ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ދެ ތަރިން ކަމަށްވާ ސިލްވެސްޓާ ސްޓެލޯން އާއި އާނޯލްޑް ޝްވާޒެނެގާގެ މެދުގައި ކުރިން އޮތް ވަރުގަދަ ވާދަވެރިކަމާއި ދުޝްމަނުކަމުގެ ވާހަކަތައް، މި ހަފުތާގައި ނިއުޔޯކުގައި ބޭއްވި "ޕޭލީފެސްޓް" އިވެންޓުގައި ވާހަކަދައްކަމުން ސްޓެލޯން އަނެއްކާވެސް ހާމަކޮށްފި އެވެ. ސްޓެލޯން ބުނި ގޮތުގައި އެ ދެ މީހުންގެ ކެރިއަރުގެ ކުރީކޮޅުގައި އެކަކު އަނެކަކު ދެކެ އިންތިހާއަށް ރުޅި އައި ނަމަވެސް، މިހާރު އެ ދެމީހުންގެ މެދުގައި އޮތީ ގާތް ރަހުމަތްތެރިކަމެކެވެ.

އުމުރުން 80 އަހަރުގެ ސްޓެލޯން އޭނާގެ މަގުބޫލު ޓީވީ ސީރީޒް "ޓަލްސާ ކިންގް" އާ ބެހޭގޮތުން ވާހަކަދައްކަމުން ފާހަގަކުރީ، އެ ސީރީޒްގައި ފެންނަ ދެ ކެރެކްޓަރުންގެ މެދުގައި އޮންނަ ގުޅުމަކީ ހަގީގީ ދިރިއުޅުމުގައި އޭނާ އާއި އާނޯލްޑާ ދެމެދު އޮތް ކަހަލަ ގުޅުމެއް ކަމަށެވެ. އެގޮތުން އެކަކު އަނެކަކަށް އިތުބާރު ނުކުރި ނަމަވެސް، އެކުގައި މަސައްކަތްކުރަން ޖެހޭ ވަގުތުތައް އަންނަ ކަމަށް އޭނާ ބުންޏެވެ.

މި ދެ ތަރިންގެ ދެމެދުގައި އޮތް ވާދަވެރިކަން އެންމެ ބޮޑަށް ފެށުނީ 1977 ވަނަ އަހަރު ބޭއްވި ގޯލްޑަން ގްލޯބް އެވޯޑްސްގެ ތެރެއިންނެވެ. އޭގެ ފަހުން 1980 ގެ އަހަރުތަކުގައި ހޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން ތަރިއަކަށް ވުމަށްޓަކައި، ކޮންމެ މީހަކު ވެސް މަސައްކަތްކުރީ އަނެކަކަށްވުރެ ބޮޑަށް ހަށިގަނޑު ވަރުގަދަކޮށް، ގިނަ ފިލްމުތައް ކާމިޔާބު ކުރުމަށެވެ. އަދި އެ ދުވަސްވަރު އެއް ތަނަކުން ދިމާވިޔަސް ރުޅިވެރިކަމާއެކު ބަލައި، އެކަކު އަނެކެއްގެ ކެރިއަރަށް ހުރަސްއަޅަން ވެސް މަސައްކަތްކުރި އެވެ.

މި ވާދަވެރިކަމަށް އަލިއަޅުވާލަމުން ސްޓެލޯން ބުނީ އެ ވާދަވެރިކަމުގެ ސަބަބުން އޭނާގެ ހުނަރު އިތުރަށް ތަރައްގީކުރަން ބާރަކަށްވި ކަމަށެވެ. "މިހާރު އަހަރެމެންނަކީ ވަރަށް ގާތް ރަހުމަތްތެރިން. އުމުރުން ދުވަސްވުމުން ރުޅިވެރިކަން ވަނީ ފިލައިގެން ގޮސްފައި. އެކަމަކު އޭރު އޮތް ވަރުގަދަ ވާދަވެރިކަމަކީ ހަގީގަތުގައި ވެސް މަސައްކަތުގައި ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ސްޓެލޯން ބުންޏެވެ.

މި ދެ ތަރިންގެ ދެމެދުގައި އޮތް ދުޝްމަނުކަން ނިމުމަކަށް އައީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު "ޕްލެނެޓް ހޮލީވުޑް" ރެސްޓޯރަންޓް ވިޔަފާރީގެ ތެރެއިން އެކުގައި މަސައްކަތްކުރަން ފެށުމުންނެވެ. އަދި އޭގެ ފަހުން "ދި އެކްސްޕެންޑަބަލްސް" ފަދަ މަގުބޫލު ފިލްމުތަކުގައި ދެ ތަރިން އެކުގައި ފެނިގެންދިޔައިރު، މިހާރު ދެމީހުންގެ މެދުގައި އޮތީ އިހުތިރާމާއި ބަދަހި އެކުވެރިކަމެކެވެ.