ކޮލެސްޓްރޯލް ދަށްކުރުމަށާއި ހިތުގެ ހަމަލާތަކާއި ސްޓްރޯކްތަކުން ރައްކާތެރިވުމަށް އެންމެ އާންމުކޮށް ބޭނުންކުރެވޭ "ސްޓެޓިންސް" ބޭސް ބޭނުންކުރުމުން ބައެއް މީހުންގެ މަސްތަކުގައި ރިއްސައި، ވަރުދެރަވެ، އަދި މަސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެން މެދުވެރިވާ ސަބަބު ސައިންސްވެރިން މިހާރު ވަނީ ހޯދާފައެވެ. ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ ރިސާޗަރުން ކުރިއަށްގެންދިޔަ މުހިންމު ދިރާސާއަކުން އެނގުނު ގޮތުގައި މިއީ މި ބޭހުގެ ސަބަބުން މަސްތަކުގެ ސެލްތަކަށް އަންނަ ބަދަލުތަކަކާ ގުޅިގެން ދިމާވާ ކަމެކެވެ.
މި ދިރާސާގައި އެންމެ ފަހުގެ އެޑްވާންސްޑް އިމޭޖިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސައިންސްވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، ސްޓެޓިންސް ބޭހުގެ މާއްދާތައް ގޮސް މަސްތަކުގެ ސެލްތަކުގައިވާ މުހިންމު ޕްރޯޓީންއަކާ ގުޅެއެވެ. މިގޮތަށް ގުޅުމުގެ ސަބަބުން، މަސްތަކުގެ ސެލްތަކުގެ ތެރޭގައި ކެލްސިއަމް ދައުރުވުން ކޮންޓްރޯލްކޮށްދޭ މަގުތައް ހުޅުވޭގޮތް މެދުވެރިވެއެވެ.
މި މަގުތައް ނުވަތަ ޗެނަލްތައް ހުޅުވުމުގެ ސަބަބުން ސެލްތަކުގެ ތެރެއަށް ހުއްޓުމެއްނެތި ކެލްސިއަމް ލީކުވާން ފަށައެވެ. މިގޮތަށް މެދުކެނޑުމެއްނެތި ކެލްސިއަމް ލީކުވުމަކީ މަސްތަކުގެ ޓިޝޫތަކަށް ގެއްލުންވެ، މަސްތަކުގައި ރިއްސުމާއި، ވަރުދެރަވުން އަދި ބައެއް ހާލަތްތަކުގައި މަސްތަކުގެ ސެލްތައް ހަލާކުވުމަށް މަގުފަހިކުރުވާ މައިގަނޑު ސަބަބެވެ.
މިއީ ސްޓެޓިންސް ބޭނުންކުރާ ގިނަ ބަޔަކަށް ދިމާވާ މަސްތަކުގެ ތަދާއި ރިއްސުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސައިންސްވެރިންނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ހޯދުމުގެ އަލީގައި، ބޭހުގެ ފައިދާ ނުކެނޑި، މިފަދަ ނޭދެވޭ އަސަރުތަކުން ސަލާމަތްވެވޭނެ ފަދަ އާ ބޭސްތައް އުފެއްދުމަށާއި މިހާރު ދެވޭ ފަރުވާތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
