ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން، އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށް ކުރައްވާ ހާއްސަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރޭ އެ ގައުމަށް ވަޑައިގަތުމާއެކު އެ މަނިކުފާނުގެ ދެކަނބަލުންނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ގެކޮޅުން ވަނީ ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ. މިއީ 2015 ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސަކު އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރާއި ރައީސާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާއި، މަތީ ތައުލީމާއި ދިރާސާ، ދިފާއީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ޓޫރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ރަހުމަތްތެރިކަމާއި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.