ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:20 އިން ފެށިގެން ހަވީރު 16:20 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މި ހަފުތާ ބަންދަށް ވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.