އެންމެ އަވަސް ފުރުސަތެއްގައި ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ސަމިޓް ބޭއްވުމަށް ބޭނުންވާ މާހައުލު ގާއިމުކުރުމަށާއި، ސާކް އަލުން ހަރަކާތްތެރިކުރުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގަ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އިތުރުން ސަރަހައްދީ އަދި އިންޓަނޭޝަނަލް އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އދ. އަދި އޯއައިސީގެ އިތުރުން އެހެނިހެން މަލްޓިލެޓަރަލް ޕްލެޓްފޯމުތަކުގައި ވެސް ދެ ގައުމުން އިސްކަންދެނީ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.
ސާކްގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރަހައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސާކްގެ ބޭނުންތެރިކަމާއި އެ ޖަމިއްޔާގެ ގާބިލުކަން ރާއްޖެއިން ފުރިހަމައަށް ގަބޫލުކުރާ ކަމަށެވެ. އަދި ސާކް އުފެއްދުމުގައި ރާއްޖެއިން ބައިވެރިވިކަން ފާހަގަކުރައްވައި، ވޭތުވެދިޔަ ނުވަ ވަރަކަށް އަހަރު ހުއްޓިފައި އޮތް އެ ޖަމިއްޔާ އަލުން ހަރަކާތްތެރިކުރުވުމުގައި އިސްނަގައިގެން ހަރުދަނާ ދައުރެއް އަދާކުރުމަށް ރާއްޖެ އަބަދުވެސް ތައްޔާރަށް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ފައިދާ ހާސިލުކުރުމަށްޓަކައި، އިތުބާރު އަލުން އާލާކުރުމާއި، މާނަހުރި މަޝްވަރާތަކަށް ބާރުއެޅުމާއި، އަދި އެކަކު އަނެކަކަށް ދޭހަވާ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ހިޔާލުތަފާތުވުންތަކަށް މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އައުމުގެ މައްޗަށް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ސަރަހައްދުގެ އަމަންއަމާންކަމަށްޓަކައި ސާކްގެ އެންމެ މަތީ ވެރިން އަނެއްކާވެސް ބައްދަލުވުންތައް ބާއްވާ ހިސާބަށް ކަންކަން ގެންދިއުމަށް، މެންބަރު ހުރިހާ ގައުމަކާ ގުޅިގެން ގާތުން މަސައްކަތް ކުރަން ރާއްޖެ ތައްޔާރަށް އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
