ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު އެލާޓް ނެރިފައިވަނިކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން ލައިފްޖެކެޓު އެޅުމަށާއި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ބޯކޮށް ވާރޭވެހޭނެއެވެ. މި ހާލަތާ ގުޅިގެން އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އަންގައި އިރުޝާދުތަކެއް ނެރެފައެވެ.

އެމްއެންޑީއެފުން ބުނީ ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުފެށުމަށެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ވަސީލަތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް މުދާ ބަރުނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސް މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ބާރުއަޅަމުން އެމްއެންޑީއެފުން ބުނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކެޓު އަޅައި، ދަތުރުގެ ސަލާމަތަށް އިތުރަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

މީގެއިތުރުން ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މެޓް އޮފީހުން ޔެލޯ އެލާޓް ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.