އާންމު ސިއްހަތުގެ ދާއިރާއިން، ހާއްސަކޮށް އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމަށް ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތައުރީފު ކުރައްވައިފިއެވެ.
މެޑަމް ސާޖިދާ މިކަމަށް ތައުރީފު ކުރެއްވީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި މިއަދު ހަވީރު އަސީފާ ބުއްޓޯއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ޒިޔާރަތުގައި ދެ ގައުމުގެ ރައީސުންނާއި ފަސްޓް ލޭޑީން ވަނީ ވަކިވަކިން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ވަނީ ދެބޭފުޅުންގެ މެދުގައި ފައިދާހުރި މަޝްވަރާތަކެއް ކުރުމުގެ ފުރުސަތު ލިބުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތައުލީމު ކުރިއެރުވުމާއި، ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމައުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ހާއްސަކޮށް ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.
މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ބާރުވެރިކުރުވުމުގައި ދެ ބޭފުޅުން އަދާކުރައްވާ މުހިންމު ދައުރާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތައުލީމާއި އިގްތިސާދީ ދާއިރާގައި އަންހެނުން ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފުޅާކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ގައުމުގެ ގުޅިފައިވާ އަމާޒުތަކުގައާއި ނާޒުކު މުޖުތަމައުތައް ކުރިއެރުވުމަށް ގާތުން މަސައްކަތްކުރެއްވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
