ރާއްޖޭގެ ޓޫރިޒަމް ސެކްޓާ ތަރައްގީވެ ކުރިއަރާފައިވާ މިންވަރަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ތައުރީފު ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ރައީސް ރާއްޖޭގެ ޓޫރިޒަމަށް ތައުރީފު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި މިއަދު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ. ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް ޒަރްދާރީ އަދި އެ ގައުމުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޒަރްދާރީ ވަނީ ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައި، އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މިފަދަ ދަތުރުފުޅެއް ކުރެއްވުމުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައި، ދިވެހި ވަފުދަށް ޕާކިސްތާނުން ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމަށް އަލިއަޅުއްވާލައްވައި، ވިޔަފާރިއާއި، ތައުލީމާއި، ސިއްހީ އަދި ތަމްރީނުގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދޭދޭ ގުޅުމުގެ އިތުރުން އިންޓަނޭޝަނަލް ފެންވަރުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން ދެ ބޭފުޅުން ވަނީ އައުކުރައްވާފައެވެ.