އެމެރިކާގައި މުސްލިމު އާއިލާއެއް ދިރިއުޅެމުން ދިޔަ ގެ އެއްގެ ތެރެއަށް ރޯ އޫރުމަސް އެޅި މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 58 އަހަރުގެ ރިކީ އަންވިޗް ނަމަކަށް ކިޔާ މި މީހާ އޭނާގެ އަވައްޓެރި މުސްލިމެއްގެ ގެއަށް ރޯ އޫރުމަސް އަޅާފައިވަނީ ދުވާލުގެ ވަގުތުގައެވެ. އަދި އެ ގޭގެ ސިޑީގެ އަތްގަނޑުގައާއި ގަސްމުށި ތަކެއްގަ އާއި ދޮރުގެ ތަޅުގައި ވެސް އޫރުމަސް ހާކައިފައިވެއެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީސް މީޑިޔާގައި ވަނީ އާންމު ވެފައެވެ.

އެމެރިކާ ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުންނަށް މައުލޫމާތު ދެމުން އެމީހާ ބުނީ އޭނާ އެކަން ކުރީ އެމީހުން ދެކެ އަންނަ ރުޅިއެއްގެ ބޮޑުކަމުން ކަމަށާއި އެމީހުންނަށް ކުރާ ނަފްތަރުގެ ސަބަބުން ކަމަށެވެ. އެ މީހުންގެ ކުށަކީ އެމެރިކާގެ ބިމުގައި، އަދި ހާއްސަކޮށް އޭނާގެ އަވައްޓެރިއެއްގެ ގޮތުގައި ހުރެ އިސްލާމްދީނަށް ތަބާވުން ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ފުލުހުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މީހެއްގެ ދީނީ އަދި ނަސްލީގޮތުން ބަލާ ތަފާތުކުރުން ގެންގުޅުނު ކަމުގެ ކުށާއި މީހުންނަށް އުނދަގޫވާނޭ އަމަލެއް ހިންގުމާއި ޖެއްސުމާއި ފުރައްސާރަ ކުރުމުގެ އިތުރުން ގަސްތުގައި ބަޔަކަށް އަނިޔާވެރި ވުމުގެ ދައުވާ ހިމެނެއެވެ.

އެހެން ނަމަވެސް މުސްލިމް އާއިލާއިން ވަނީ އަންވިޗް އަށް މާފު ކުރާނޭކަން ހާމަކޮށްފައެވެ. މިކަން "ތާޓީން އެކްޝަން ނިއުސްއިން" ކަށަވަރު ކޮށްދެއެވެ.