ކޮފީ ބޯ މީހުން ކޮންމެ ދުވަހަކު ބޯ ކޮފީގެ ސަބަބުން ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރު ގާތްގަނޑަކަށް 40 ޕަސަންޓު އިތުރުވެފައިވާ ކަމަށާއި، މި ބަދަލުގެ މައިގަނޑު ސަބަބަކީ ހަކުރުގެ ބަދަލުގައި ކޮފީއަށް އަޅާ ކްރީމަރު ކަމަށް އެމެރިކާގެ ޓަފްޓްސް ޔުނިވާސިޓީން މި މަހު އާންމުކުރި އާ ދިރާސާއަކުން ދައްކައިފިއެވެ.

ގިނަ ބަޔަކު ކޮފީއަށް ހަކުރު އެޅުން މަދުކުރި ނަމަވެސް، ކޮފީން ލިބޭ ކެލޮރީ މިހާ ބޮޑަށް މައްޗަށް ގޮސްފައިވަނީ ސިއްހަތަށް ފައިދާހުރި އެއްޗެއް ކަމަށް ބަލައިގެން ބޭނުންކުރާ ނޮން ޑެއިރީ ކްރީމަރުގެ ސަބަބުން ކަމަށް މި ދިރާސާގައިވެއެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި މީހުން ކޮފީ ބޯ މިންވަރަށް ބޮޑު ބަދަލެއް ނައި ނަމަވެސް، ކޮފީ ފޮނިކުރުމަށާއި ރަހަ މީރުކުރުމަށް އަޅާ ބާވަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން ކޮފީއަށް ގިނައިން އެޅީ ހަކުރާއި އާދައިގެ ގެރިކިރު ކަމަށް ވިޔަސް، ފަހަކަށް އައިސް ގަސްގަހާގެހިން ތައްޔާރުކުރާ ތަފާތު ޕްލާންޓް ބޭސްޑް ކްރީމަރުތައް ބޭނުންކުރާ މިންވަރު ވަނީ ދެގުނައަށް ވުރެ އިތުރުވެފައެވެ. މިފަދަ ކްރީމަރުތަކުގައި ގިނަ އަދަދަކަށް ތެލާއި ސަރުބީ އަދި ކެލޮރީ އެކުލެވޭކަން ގިނަ މީހުންނަށް ނޭނގޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާގެ ގައުމީ ސިއްހީ ސާވޭތަކުގެ މައުލޫމާތު ބޭނުންކޮށްގެން 30 ހާހަށް ވުރެ ގިނަ މީހުންގެ ކެއިންބުއިމުގެ އާދަތައް ދިރާސާކުރި މި ޓީމުން ބުނީ، 2003 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު މީހުން ކޮފީން ހޯދާ ކެލޮރީ ދުވާލަކު އެވްރެޖުކޮށް 43 ކެލޮރީން 60 ކެލޮރީއަށް އަރާފައިވާ ކަމަށެވެ. އަދި ހަކުރާއި ކިރުން ލިބޭ ކެލޮރީގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ކްރީމަރުން އެކަނި ލިބޭ ކެލޮރީ ވަނީ ބޮޑުތަނުން މައްޗަށް ޖެހިލާފައެވެ. މިކަމުގެ ސަބަބުން ކޮފީއަކީ ބަރުދަން ލުއިކުރަން އެހީވާ އެއްޗެއްގެ ގޮތުގައި ބެލި ނަމަވެސް ނޭނގި ހުއްޓާ ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމަށް ސައިންސްވެރިން ބުންޏެވެ.

މި ދިރާސާގައި އިސްކޮށް ބައިވެރިވި ދިރާސާވެރިޔާ ބިންގްޖީ ޒޯ ބުނީ، ނޮން ޑެއިރީ ކްރީމަރަކީ ސިއްހަތަށް ފައިދާހުރި ބާވަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށެވެ. "މީހުން ހީކުރަނީ ހަކުރު ނާޅައި ކްރީމަރު އެޅުމުން މައްސަލައެއް ނެތް ކަމަށް. އެހެން ނަމަވެސް މި ބާވަތްތަކުގައި ހިމެނޭ ކެލޮރީގެ މިންވަރު ހަކުރަށް ވުރެ ވެސް އިތުރު،" ދިރާސާވެރިޔާ ފާހަގަކުރިއެވެ.

މި ދިރާސާކުރި ސިއްހީ މާހިރުން އިރުޝާދު ދެނީ، ކޮފީ ބޯއިރު އޭގެ އަސްލު ފައިދާ ހޯދުމަށްޓަކައި ޕެކެޓު ކްރީމަރުތަކާއި ފޮނިރަހަ ގަދަ ބާވަތްތައް އެޅުމުން ދުރުހެލިވުމަށެވެ. އަދި ކަޅު ކޮފީ ބުއިމަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތް ކަމަށާއި، ކޮފީއަށް އިތުރު އެއްޗެހި އަޅާނަމަ އޭގައި ހިމެނޭ ކެލޮރީގެ މިންވަރަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ބަރުދަން ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ދިރާސާގައި ބުންޏެވެ.