މީހުން ދިރިއުޅޭ ސިޓީތަކުގައި އުޅޭ ދޫނިތައް، ފިރިހެނުންނާ އަޅާބަލާއިރު އަންހެނުން ކައިރިވުމުން މާ ބޮޑަށް ބިރުގަނެ އަވަހަށް އުދުހިގަންނަ ކަމަށް ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކުން ކުރި އާ ދިރާސާއަކުން ދައްކައިފިއެވެ. "ސެކްސް މެޓާސް: ޔޫރަޕިއަން އާބަން ބާޑްސް ފްލީ އެޕްރޯޗިން ވިމެން ސޫނާ ދޭން އެޕްރޯޗިން މެން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ދިރާސާއިން ހާމަވި ގޮތުގައި، ދޫނިތަކާ މީހުން ކައިރިވާއިރު ފިރިހެނުންނަށް ވުރެ އެވްރެޖުކޮށް އެއް މީޓަރު (ތިން ފޫޓު) ދުރުމިނެއްގައި ހުއްޓާ އަންހެނުން ފެނުމުން ދޫނިތައް ބިރުން ފިލަން މަސައްކަތްކުރެއެވެ.

ޔޫރަޕްގެ ފަސް ގައުމެއްގެ ސިޓީތަކުގައި ހެދި މި ދިރާސާގައި، ސިޓީގެ މާހައުލުގައި އުޅޭ 37 ވައްތަރެއްގެ ދޫނީގެ އަމަލުތައް ވަނީ ދިރާސާކޮށްފައެވެ. ދިރާސާވެރިން މިކަން ޓެސްޓުކުރީ އެއް އިސްކޮޅެއް އަދި އެއް ބަރުދަނެއް ހުރި، އެއްކުލައެއްގެ އާދައިގެ ހެދުން އެޅި އަންހެނަކާއި ފިރިހެނަކު ދޫނިތަކާ ދިމާއަށް އެއް މިނެއްގައި ހިނގާފައި ދިއުމުން ދޫނިތައް އުދުހިގަންނަ ދުރުމިން ބަލައިގެންނެވެ. ހެދުމާއި އިސްތަށިގަނޑު ފަދަ ބޭރުފުށުގެ ސިފަތައް އެއްގޮތްކޮށްގެން ބެލި ނަމަވެސް، ކޮންމެ ފަހަރަކު ވެސް އަންހެނުން ކައިރިވުމުން ދޫނިތައް މާ ދުރުން އުދުހިގަންނަކަން ވަނީ ސާފުކޮށް ފެނިފައެވެ.

މި ދިރާސާ އިސްވެ ކުރިއަށް ގެންދިޔައީ އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖަލިސް (ޔޫސީއެލްއޭ) ގެ މަޝްހޫރު އިކޮލޮޖިސްޓް ޑރ. ޑެނިއަލް ބްލޫމްސްޓައިން އާއި ޔޫރަޕްގެ ސައިންސްވެރިންގެ ޓީމަކުންނެވެ. ދިރާސާވެރިން ބުނި ގޮތުގައި، ކޮތަރާއި ކާޅު އަދި އެހެނިހެން ދޫނިތަކަށް އިންސާނުންގެ ޖިންސު ވަކިކުރަން އެނގެނީ ހިނގާބިނގާވާ ގޮތުން ނުވަތަ ހަށިގަނޑުން ދޫކުރާ ކެމިކަލް މާއްދާތަކެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. ނަމަވެސް، ފިރިހެނުންނަށް ވުރެ އަންހެނުން ދެކެ ދޫނިތައް ބޮޑަށް ބިރުގަންނަން ޖެހޭ ސީދާ ސަބަބެއް އަދި ސައިންސްވެރިންނަށް ކަށަވަރުކޮށް ބުނެދެވިފައެއް ނުވެއެވެ.

ދިރާސާގައި ބައިވެރިވި ޑރ. ޑެނިއަލް ބްލޫމްސްޓައިން ބުނީ، މިއީ އާންމުކޮށް ގަބޫލުކުރެވޭ ހަމަތަކާ މުޅިން ހިލާފު ހޯދުމެއް ކަމަށެވެ.

"އާންމުކޮށް ހީކުރެވެނީ ޝިކާރަކުރާ މީހުންނަކީ ފިރިހެނުން ކަމަށް ވާތީ ދޫނިތައް ބިރުގަންނާނީ ފިރިހެނުން ދެކެ ކަމަށް. އެކަމަކު އަހަރެމެންނަށް މި ފެނުނީ މުޅިން އިދިކޮޅު ނަތީޖާއެއް، ދޫނިތައް ފިލަނީ އަންހެނުން އަންނަތަން ފެނުމުން،" އޭނާ ބުންޏެވެ.

ސައިންސްވެރިން ބުނީ، މިއީ އިންސާނުންގެ ދިރިއުޅުމުގެ މާހައުލުގައި ދޫނިތައް އުޅޭއިރު އިންސާނުންގެ ކިބައިން ފެންނަ ކުދިކުދި ތަފާތުތައް ދެނެގަތުމުގެ ހާއްސަ ކުޅަދާނަކަމެއް ދޫނިތަކަށް ލިބިފައިވާކަން އަންގައިދޭ މުހިންމު ހޯދުމެއް ކަމަށެވެ. އަދި ދިރޭތަކެތީގެ އުޅުމާއި ގުޅޭގޮތުން ކުރާ ދިރާސާތަކުގައި ދިރާސާކުރާ މީހާގެ ޖިންސަކީ ވެސް ނަތީޖާއަށް އަސަރުކުރާނެ ކަމެއްކަން މި ހޯދުމުގެ ސަބަބުން ވަނީ ސާބިތުވެފައެވެ.