ކޮޕީ ފަތަކީ ދިވެހިންގެ މެދުގައި ވަރަށް މަޝްހޫރު ފަތެކެވެ. ގެއާއި ބަދިގެ އާއި ދޭތެރޭގައިވެސް ކޮޕީފަތް ހައްދާފައި ހުރެއެވެ. ރާއްޖެތެރޭ ރަށްރަށުގައި ކޮންމެ ގެއެއްގައިމެ ކޮޕީފަތް ގަހެއް ހުންނާނެއެވެ. މާލޭގެ ބާޒާރުގައިވެސް ކޮޕީފަތަކީ ގިނައިން ފެންނަން ހުންނަ ފަތެކެވެ. އެހެންކަމުން ކޮޕީފަތުން ލިއްބައިދޭ ފައިދާތަކަށް ބަލައިލާނަމެވެ.

ކޮޕީ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ކޭ ހިމެނެއެވެ. ވިޓަމިން ކޭ އަކީ ކަށިތައް ދުޅަހެޔޮކަން މަތީ ބަހައްޓައިދިނުމަށް އެހީވެދޭ މާއްދާއެކެވެ. ކަށި ފީވުމާއި ރާއްޖެ ބަލި ފަދަ ކަށީގެ ބަލިތަކުން ދުރުކޮށްދޭން އެހީތެެރިވެދޭ މާއްދާއެކެވެ. ވިޓަމިން ކޭ އަކީ ހަށިގަނޑުގައި ހުންނަ ކެލްސިއަމްގެ މާއްދާ ލޭގެ ތެރެއަށާއި ކަށީގެ ތެރެއަށް ދަމައިގަތުމަށް އެހީވެދޭ މާއްދާ އެކެވެ. ކެލްސިއަމް އަކީ ކަށި ވަރުގަދަ ކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް މާއްދާއެވެ.

ކޮޕީ ފަތުގައި ހިމެނޭ ގުލްކޯސިނޮލޭޓް ނަމަކަށް ކިޔާ ސަލްފާގެ މާއްދާ އެކުލެވޭ މި މާއްދާ އަކީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މާއްދާއެކެވެ.

އަލްޕާ ލިޕޮއިކް އެސިޑް ނަމަކަށް ކިޔާ އެންޓިއޮކްސިޑަންޓެއް ކޮޕީފަތުގައި ވެއެވެ. މި މާއްދާއަކީ ހަށިގަނޑުގައި ހުންނަ އިންފެކްޝަންތަކާއި ދެކޮށް މަސައްކަތް ކުރުމާއި އިންފެކްޝަން އަށަގަތަ ނުދިނުމަށް މަސައްކަތް ކުރާ މާއްދާއެކެވެ. މީގެ އިތުރުން މި މާއްދާގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދިނުމަށްވެސް އެހީވެދޭކަމަށް ސިއްހީ މާހިރުން ދެކިލައްވައެވެ.

ކޮޕީ ފަތަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ ފަތެކެވެ. ފައިބަރަކީ ހަޖަމުގެ ނިޒާމަށް ފަސޭހަކޮށްދޭ މާއްދާއެކެވެ.

ކޮޕީފަތުގައި ހުންނަ ކޮލައިން ނަމަކަށް ކިޔާ މި މާއްދާއަކީ ސިކުނޑި ތާޒާ ކޮށްދިނުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ސިކުނޑީގެ ނާރުތަކުން މެސެޖު ދައުރުވާ މިންވަރު އަވަސްކޮށްދީ މަސައްކަތްތައް ތަރުތީބު ކުރުމަށް އެހީވެދެއެވެ. އެހެން ކަމުން ހާސްކަމާއި ނުތަނަވަސްކަމުން ދުރުކޮށްދޭ އެއްޗެއްގެ ގޮތުގައި ކޮޕީފަތް ވާކަމަށް ސިއްހީ މާހިރުން ދެކިލައްވައެވެ.

މީގެ އިތުރުން ކޮޕީފަތުގައި އެހެން ވިޓަމިންސް ވެސް އެކުލެވިގެން ވެއެވެ. އޭގެ ތެރޭގައި ވިޓަމިން އޭ އަދި ސީ ހިމެނެއެވެ. މިއީ ހަންގަނޑުގެ ދުޅަހެޔޮކަމަށް އެހީވެދޭ ދެ މާއްދާއެވެ. މީގެ އިތުރުން ދަގަނޑުގެ މާއްދާ އަކީވެސް ކޮޕީފަތުގައި ހިމެނޭ މާއްދާއެކެވެ. މިއީ އިސްތަށި ފޭބުން ހުއްޓުވުމަށް އެހީވެދޭ މާއްދާއެކެވެ. އަދި ހަށިގަނޑުން ލޭ މަދުވުން ހުއްޓުވުމަށްވެސް ދަގަނޑުގެ މާއްދާ އެހީތެރިވެދެއެވެ.

ކޮޕީފަތުން އިސްވެ ދެންނެވުނު މާއްދާތައް ލިބެން ހުރި ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކޮޕީފަތަކީ އެވެނި ކަމެއް، ނުވަތަ މިވެނި ކަމެއް ކޮށްދޭނޭ ފަތެއް ނޫންކަމެވެ. އެހެނަސް އެކަން ކަމަށް މަގުފަހިކޮށްދޭ މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ ފަތެއް ކަމެވެ. އެހެން ކަމުން ކޮޕީފަތަކީ ކެެއުމުގައި އާންމުކޮށް ބޭނުން ކުރެވޭ ފަތަކަށް ހެދުމަކީ އިސްވެ ދެންނެވުނު މާއްދާތައް ހަށިގަނޑަށް ލިއްބައިދޭނޭ ކަމެކެވެ.