ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، އާންމުންގެ ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތުދޭ ގޮތުގައި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހދ. އަތޮޅަށެވެ. މީގެއިތުރުން ހއ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވެފަ އެވެ.
ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުޅުދުއްފުށި ސިޓީގެ 190 އަށްވުރެ ގިނަ ގެއަކަށް ފެންވަދެފައިވާއިރު، އެ ސިޓީގެ 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ދެ ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި ހދ. ނޮޅިވަރަމްގެ 95 ޕަސަންޓު ގޭގައި ފެންބޮޑުވެ، ހިފާގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނޮޅިވަރަންފަރުގެ 60 އަށްވުރެ ގިނަ ގެއަކުން ވަނީ ފެންބޮޑުވެގެން ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން ޅ. ނައިފަރުގެ 16 ގެއަކަށް ފެންވަދެ، 2 ގެއަކުން މީހުން ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފަ އެވެ.
ރަށްރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި ކައުންސިލްތަކާއި، ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށީގައި 7 ޕަންޕު ބޭނުންކޮށްގެން ހުއްޓުމެއްނެތި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އެހެން ރަށްރަށުގައި ވެސް ޕަންޕު ބޭނުންކުރުމާއި، ކޯރު ކެނޑުމާއި، ގެތަކަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މީގެއިތުރުން ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް މޫދަށް ކޯރު ކަނޑައިގެން ފެންގަނޑު ހިންދާފައިވެ އެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ކައުންސިލްތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެގޮތުން އެ ސިޓީއަށް 188 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.
