ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖެ އަދި ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ގައުމެއް ނޫން ކަމަށާއި، ބައިނަލްއަގުވާމީ މާކެޓަށް ބަލާއިރު ރާއްޖެއަކީ އިންވެސްޓުކުރުމަށް ފުޅާ ދާއިރާތަކެއް އޮތް ތަނެއް ކަމަށެވެ.

އެގޮތުން ޓޫރިޒަމާއި، ސިނާއީ ދާއިރާތަކާއި، އިމާރާތް ކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާއަކީ ވެސް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތުތައް ހުޅުވިފައިވާ މުހިންމު ދާއިރާތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށްޓަކައި ކަނެކްޓިވިޓީ އިތުރުކުރަން ޖެހޭކަމަށް ވިދާޅުވެ، ދެ ގައުމުގެ ކުންފުނިތަކަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވާފަ އެވެ.

ރާއްޖެއަށް ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޖަޒީރާ ގައުމަކަށްވީތީ މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ޕާކިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މިހާރު ވެސް ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަމަމިއާއެކު، ޒަމާނީ ފުޑް ޕްރޮސެސިންގ އަދި މޫސުމީ ބަދަލުތަކާ ގުޅިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުގެ އިންވެސްޓަރުންނަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.