ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ. މި މަހުގެ 20 އިން 22 އަށް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު ތާރީހީ މުނާސަބަތާ ގުޅިގެން ކުރެއްވި މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ އިތުރުން ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި ވިޔަފާރި، ސިއްހަތު، ތައުލީމު، ޓޫރިޒަމް އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ 20 ފަހުމުނާމާއަކާއި އެއްބަސްވުމެއް ވަނީ ބަދަލުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ. މީގެއިތުރުން އިސްލާމްއާބާދުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ވަނީ ރާއްޖޭގެ އެކި ދާއިރާތަކުން އިންވެސްޓުކުރުމުގެ ފުރުސަތުތައް ހޯދުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ގޮވާލައްވާފަ އެވެ.
ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަނުން މާލެ އާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާކަން ވެސް ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ކުރިއަށްގެންދާ މަޝްރޫއަށް އެހީވުމުގެ ގޮތުން 100،000 ޒައިތޫނި ގަހުގެ ކުރި އަދި އެކި ބާވަތްތަކުގެ 100،000 މުޑުވައް ރާއްޖެއަށް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި މި ދަތުރުފުޅު ނިންމަވާލެއްވީ، ވޭތުވެދިޔަ 60 އަހަރުގެ އެކުވެރިކަމުގެ މައްޗަށް ބިނާކޮށް ދެ ގައުމުގެ ރައްޔިތުންނަށް އަމަލީ ގޮތުން ހެޔޮ މަންފާ ހޯދައިދިނުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.
