ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު ތަރި އައިޝަތު ރިޝްމީ އާއި މަޝްހޫރު ކްރިއޭޓިވް އެޖެންސީ ޗޮޕާޓްގެ ޑިރެކްޓަރު މިހުސޯ އަބްދުއްސައްތާރު ކައިވެނިކޮށްފި އެވެ. މި ދެ މީހުން ކައިވެނިކުރިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ.
މިއީ ފިލްމީ ދާއިރާގެ އެތައް މަސައްކަތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ރިޝްމީގެ ތިން ވަނަ ކައިވެންޏެވެ. ރިޝްމީ ކައިވެނިކުރި މިހުސޯއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކްރިއޭޓިވް މާކެޓިން އާއި އިވެންޓް މެނޭޖްމަންޓް އަދި ޕްރޮޑަކްޝަން ހިދުމަތްތައް ދެމުން އަންނަ އެޖެންސީ ޗޮޕާޓްގެ އިސް ޑިރެކްޓަރެކެވެ.
ދެ މީހުން ކައިވެނިކުރިކަން ހާމަކޮށް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި، ރިޝްމީއަކީ މިހާރު އޭނާގެ އަނބިމީހާ ކަމަށް ބުނެފައިވެ އެވެ. އަދި މި އުފާވެރި ނިންމުމަށްޓަކައި މާތް ﷲ އަށް ހަމްދުކުރާ ކަމަށްވެސް އޭނާ ހިއްސާކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
މި ކައިވެނީގެ ހާއްސަ ދެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ދެމަފިރިންނަށް މަރުހަބާ ކިޔައި، ކުރިމަގަށް ހެޔޮއެދުންތައް ފޮނުވަމުންނެވެ. މި ޕޯސްޓަށް ފިލްމީ ދާއިރާގެ އިތުރުން އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދެ އެވެ.
ރިޝްމީ މީގެ ކުރިން ކައިވެނިކޮށްފައި ވަނީ ދިވެހި ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) އަދި ރަވީ ފާރޫގާއެކުގަ އެވެ. އަޒްމީލް އާއި ރިޝްމީގެ ކައިވެންޏަށް ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ.
