ފިނި މޫސުމާ ދިމާކޮށް އަރުމީނިއާގެ އެއާލައިނެއް ކަމަށްވާ "ޝިރަކް އޭވިއާ" އިން ރާއްޖެއަށް ޝެޑިއުލް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިއީ އަރުމީނިއާ އާއި ރާއްޖެއާ ދެމެދު ތާވަލުކޮށްގެން ދަތުރުތަކެއް ފަށާ ފުރަތަމަ ފަހަރެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ އެއާލައިނުން ދަތުރުތައް ކުރުމަށް ނިންމާފައިވަނީ އަރުމީނިއާގެ ވެރިރަށް ޔެރެވާންގެ ޒްވާޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދުގައެވެ.

ހަފުތާއަކު އެއް ދަތުރު ކުރުމަށް ތާވަލުކޮށްފައިވާ މި ސާވިސްގައި ދަތުރުތައް ބާއްވާނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 737-800 މަރުކާގެ ބޯޓެކެވެ. ޝެޑިއުލްގައިވާ ގޮތުން ޔެރެވާނުން ފުރާ ފްލައިޓް އޮމާންގެ މަސްކަޓަށް ޖައްސައި، ތެޔޮ އެޅުމަށްފަހު ރާއްޖެއަށް އާދެވޭނީ ރާއްޖެ ގަޑިން މެންދުރު 12:10 ގައެވެ. އަދި ރާއްޖެއިން އެނބުރި ފުރާނީ މެންދުރުފަހު 13:10 ގައެވެ.

މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގު 455 އެމެރިކާ ޑޮލަރުން ފެށޭއިރު، ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. މުޅި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް އަށް ގަޑިއިރެވެ. މާޗު 2027 ގެ ނިޔަލަށް މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ރާއްޖެއަށް ފަށާ މި ދަތުރުތަކަކީ 2026/27 ގެ ފިނި މޫސުމާ ދިމާކޮށް ޝިރަކް އޭވިއާއިން ދަތުރުތައް ފުޅާކުރުމަށް އެކުލަވާލާފައިވާ ޕްލޭނުގެ ބައެކެވެ. މީގެ އިތުރުން އަންނަ ނޮވެމްބަރު މަހު އިންޑޮނޭޝިއާގެ ބާލީ އަދި ތައިލެންޑުގެ ޕުކެޓަށް ވެސް ހަފުތާއަކު އެއް ދަތުރު ފެށުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ.