ވެބްސައިޓްތަކާއި އޮންލައިން ހިދުމަތްތައް ހިންގުމުގައި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ޕްރޮގްރާމިން ބަހުރުވަ ކަމަށްވާ "ޕީއެޗްޕީ" އަށް ދިމާވި ސީރިއަސް މައްސަލައަކާ ގުޅިގެން، ރާއްޖޭގެ ވިޔަފާރިތަކާއި އޮންލައިން ހިދުމަތްތައްވެސް ހިމެނޭހެން ކުއްލި ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެއެވެ. ސަރުކާރުގެ އިދާރާތަކުންނާއި ކަމާބެހޭ އެޖެންސީތަކުން މިހާރު ދަނީ މި ނުރައްކަލުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް ގޮވާލަމުންނެވެ.

މި މަހުގެ 21 ވަނަ ދުވަހު ފެންމަތިވި މި މައްސަލައަށް ސެކިއުރިޓީ މާހިރުން ނަންދީފައިވަނީ "ޕީއެޗްޕީ 2 ޝެލް" ގެ ނަމުންނެވެ. ސައިބާ ސެކިއުރިޓީގެ ނުރައްކާތައް ވަޒަންކުރާ އިންޓަނޭޝަނަލް މިންގަނޑު ކަމަށްވާ ކޮމަން ވަލްނަރަބިލިޓީ ސްކޯރިން ސިސްޓަމުން މި މައްސަލައަށް ވަނީ 9.2 ގެ ކްރިޓިކަލް ރޭޓިންގެއް ދީފައެވެ. މިއީ ސައިބާ ދާއިރާގައި ދެވޭ އެންމެ މަތީ ދަރަޖައިގެ އަދި އެންމެ ނުރައްކާތެރި އެއް ރޭޓިންގެވެ.

އެންމެ ބިރުވެރި ކަމަކީ، އެއްވެސް ޔޫސާނޭމެއް ނުވަތަ ޕާސްވޯޑެއް ބޭނުންނުކޮށް ސާވަރުތަކުގެ އެތެރެއަށް ވަދެގަތުމުގެ ފުރުސަތު ހެކަރުންނަށް ލިބިގެންދިއުމެވެ. އެއްވެސް ހުއްދައެއް ނެތި ސާވަރުތަކުގެ ފުރިހަމަ ކޮންޓްރޯލް އަތުލައިގަނެ، އެމީހުން ބޭނުން ނުރައްކާތެރި ކޯޑެއް ރަންކޮށްލުމުގެ ބާރު ހެކަރުންނަށް ލިބެއެވެ. މިއީ ވެބްސައިޓް ބަލަހައްޓާ ފަރާތްތަކަށް ރޭކާވެސް ނުލައި މުޅި ސިސްޓަމް ހިސޯރުކޮށްލެވޭނެ ފަދަ ދޮރާއްޓެކެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ނާޖާއިޒު ފައިދާ ނަގައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ސިސްޓަމްތަކަށް ސައިބާ ހަމަލާތައް ދިނުމަށް ހެކަރުން މިހާރުވެސް ދަނީ ފާރަލަމުންނެވެ. ބައެއް ސިސްޓަމްތަކަށް ހަމަލާތައް އަމާޒުކުރަން ފަށާފައިވާކަން ފާހަގަކުރެވިފައިވާއިރު، މިއީ ރާއްޖޭގެ ޑިޖިޓަލް ވިއުގައަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ކުންފުނިތަކާއި އޮންލައިން ފިހާރަތަކަކީ އިންޓަނެޓު މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ފަރާތްތަކެކެވެ. މިފަދަ ހަމަލާއެއްގެ ސަބަބުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި، މާލީ މުއާމަލާތްތަކުގެ ތަފްސީލުތައް ލީކުވެ، ވިޔަފާރިތަކުގެ އަގު ވެއްޓި، އިއާދަނުކުރެވޭ ވަރުގެ ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މި މައްސަލައިގެ ނުރައްކާ ވަކިން ހާއްސަކޮށް ބޮޑުވަނީ، ވޯޑްޕްރެސް ފަދަ އާންމު ސީއެމްއެސް ޕްލެޓްފޯމްތަކާއި ޕީއެޗްޕީގެ އެހެނިހެން ފްރޭމްވޯކްތަކަށް ބަރޯސާވެގެން ރާއްޖޭގައި ގިނަ ވެބްސައިޓްތަކެއް ހިންގަމުންދާތީއެވެ. ގިނަ ފަހަރަށް ސެކިއުރިޓީ އަޕްޑޭޓްތައް ގަވާއިދުން ނާޅައި ބާއްވާފައި ހުންނަ ވެބްސައިޓްތަކަކީ މިފަދަ ހެކަރުންގެ އެންމެ ފަސޭހަ ޝިކާރައަކަށް ވެގެންދާނެ ތަންތަނެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީން ވަނީ ދިވެހި ސަރުކާރުގެ އިދާރާތަކަށާއި، އަމިއްލަ ވިޔަފާރިތަކުގެ އިތުރުން އަމިއްލަ ފަރުދުން ހިންގާ ވެބްސައިޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ. ސައިބާ ރައްކާތެރިކަން ކަށަވަރުނުކޮށް ފަރުވާކުޑަކޮށްލައިފިނަމަ، ގައުމީ ފެންވަރުގެ ހިދުމަތްތައް މެދުކެނޑިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މި ނުރައްކަލުން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ޕީއެޗްޕީގެ ރަސްމީ ސެކިއުރިޓީ އަޕްޑޭޓްތައް ވަގުތުން އެޅުމެވެ. އެގޮތުން ޕީއެޗްޕީގެ 8.5.12، 8.4.27، 8.3.36 އަދި 8.2.35 ނުވަތަ އޭގެ ފަހުގެ އެންމެ ފަހުގެ ރަސްމީ ވާޝަނަކަށް ލަސްނުކޮށް ސިސްޓަމްތައް އަޕްގްރޭޑްކުރުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ވަނީ އަންގާފައެވެ.

މީގެ އިތުރުން، އައިޓީ ޓީމުތަކާއި ވެބް ހޯސްޓިންގ ހިދުމަތްދޭ ފަރާތްތަކާ ގުޅިގެން ސާވަރުތަކުގެ ރައްކާތެރިކަން ބަލައި، އެއްވެސް އާދަޔާ ހިލާފު ހަރަކާތެއް ހިނގާތޯ ބެލުމަށް ވަނީ އިރުޝާދު ދީފައެވެ. ސިސްޓަމްތައް ގަވާއިދުން މޮނިޓަރ ކުރުމާއި، ސެކިއުރިޓީ ފަށަލަތައް ވަރުގަދަކޮށް، ފާރަވެރިވުން އިތުރުކުރުމަކީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އެއްވެސް ފަރާތެއްގެ ސިސްޓަމަކަށް ހުއްދަނެތި ބަޔަކު ވަދެފައިވާކަމަށް ނުވަތަ ހަމަލާއެއް އަމާޒުވެފައިވާކަމަށް ޝައްކުކުރެވިއްޖެނަމަ، އިތުރު ގެއްލުންތައް ހުއްޓުވުމަށްޓަކައި ވަގުތުން އެ ސިސްޓަމެއް ނެޓްވޯކުން ވަކިކުރުމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޑިޖިޓަލް ހެކިތައް ނުގެއްލޭނެހެން ރައްކާތެރިކޮށް، ލަސްނުކޮށް އެ މައްސަލަ ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް ރިޕޯޓްކުރުމަށްވެސް ވަނީ އެދިފައެވެ.

ޑިޖިޓަލް ދުނިޔެއަށް ރާއްޖެ ހަލުވިކަމާއެކު ފައިތިލަ ސާބިތުކުރަމުން އަންނައިރު، މިފަދަ ބޮޑެތި ސައިބާ ނުރައްކާތަކަކީ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ވަރަށް ބޮޑު އިމްތިހާނެކެވެ. އެހެންކަމުން، މިއީ ހަމައެކަނި އައިޓީ މީހުންގެ ޒިންމާއެއް ކަމަށް ނުދެކި، ކޮންމެ ވިޔަފާރިއަކުންވެސް މި ތޫފާނުން ސަލާމަތްވުމަށްޓަކައި މިހާރުން މިހާރަށް ހޭލާ ތިބެންޖެހޭ ވަގުތެވެ.