ރާއްޖޭގެ ދެކުނުގެ މޫސުމީ ހާލަތު ދެނެގަތުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޒަމާނީ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރަކާއި މޫސުމާ ބެހޭ އާ އޮފީހެއް ގާއިމުކުރުމުގެ ތައްޔާރީތައް ފަށައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ މަސައްކަތާއި، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީސީޓީވީ ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެ ސަރަހައްދު ސާފުކޮށް ނިމުމާއެކު، އާ މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ގަން އެއާޕޯޓުގައި އަލަށް ބަހައްޓާ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރަކީ ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ، ރައްޔިތުންނަށް މޫސުމީ އިންޒާރު އަވަހަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ވަރުގަދަވެގެންދާނެ ވަސީލަތެކެވެ. މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމުން މެޓްގެ ހިދުމަތްތައް ލާމަރުކަޒީވެ، ދެކުނުގެ ސަރަހައްދުގައި މޫސުމީ މައުލޫމާތު އެއްކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.