އާންމުކޮށް ޖަނަވާރުންނަށް ޖެހޭ "ޝަމޮންޑާ" ވައިރަސް ފްރާންސް މީހަކަށް ޖެހި، އެ މީހާ މަރުވެއްޖެ އެވެ. މިއީ މި ވައިރަސް އިންސާނަކަށް ޖެހުނު ކަމަށް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ.
މި ވައިރަސް ޖެހިގެން މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ މީހެއް ކަމަށާއި، އޭނާ މަރުވީ އެހެން ބައްޔަކަށް ފްރާންސްގެ ލިޔޯންގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އޮފިޝަލުން ބުންޏެވެ.
ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އެ މީހާއަށް މި ވައިރަސް ޖެހުނީ ވައިރަސް ހުރި ސޫތްޕެއް ހަފައިގެންނެވެ. މިއަހަރުގެ ކުރީކޮޅު ފްރާންސްގެ އިރުމަތީ ސަރަހައްދުތަކުގައި އުޅޭ ޖަނަވާރުންގެ މެދުގައި މި ވައިރަސް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ މިއީ ވަކިން ފެނުނު ކޭސްއެއް ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ވައިރަސް އާންމުންގެ ތެރޭގައި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ޝަމޮންޑާ ވައިރަހަކީ އާންމުކޮށް ގެރިބަކަރި ފަދަ ޖަނަވާރުތަކަށް ޖެހޭ ބައްޔެކެވެ. އެހެންކަމުން، މިއީ އިންސާނުންގެ މެދުގައި ފެތުރިދާނެ ބައްޔެއް ކަމުގެ ބިރު ކުޑަ ކަމަށް ސިއްހީ މާހިރުން ގަބޫލުކުރެ އެވެ.
