އދ. ގެ އިތުބާރު ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތުމުގެ ސަބަބުން އެ ޖަމާއަތަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އދ. ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އދ. ގެ އިތުބާރު ހާސިލުކުރެވޭނީ އިންޓަނޭޝަނަލް ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައިގެން ކަމަށެވެ. އަދި ސަރަހައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ގައުމުތަކުގެ މެދުގައި ވެވިފައިވާ މުއާހަދާތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ގޮތުން އުފެދިފައިވާ މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ހާއްސަކޮށް ފަލަސްތީނު ފަދަ ގައުމުތަކުގެ އިންސާނިއްޔަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ހުރަސްއަޅާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫން ގޮތުގައި ނެގޭ ދަރަނިތައް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ހައްގުތަކަށް އިހުތިރާމުކުރާ ތަނަކަށް ވާންޖެހޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއްވެސް ގައުމެއްގެ މުސްތަގުބަލަކީ އެހެން ގައުމެއްގެ ނުފޫޒުން ކަނޑައެޅޭނެ އެއްޗެއްގެ ގޮތުގައި އޮވެގެން ނުވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ މިނިވަންކަމާއެކު މަގުތައް ފަހިވެފައި އޮތުމަކީ 2040 ގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބޭނެ އިތުރު ބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސުލްހަ މަސަލަސްކަމަށް އިހުތިރާމުކުރުމަށާއި އަދުލުއިންސާފު ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކޮންމެ ދައުލަތަކަށްވެސް އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.
