ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ސަރުކާރުން ހަވާލުކުރި ޔޫއޭއީގެ އީގަލް ހިލްސްއާ އިދިކޮޅު އެމްޑީޕީން ދެކޮޅު ނުވުމަށް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރަސްމާލޭގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މިއީ ވަރަށް ރަނގަޅު މަޝްރޫއެއް ކަމަށެވެ.

އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އަލައްބާރާ ޔަހޫދީންނާ ގުޅުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަލައްބާރަކީ ޔޫއޭއީ ބިނާކުރުމުގައި އެންމެ އިސް ހިއްސާދާރުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އޭނާގެ އިސްރާއީލު ރަހުމަތްތެރިން ތިބި ނަމަވެސް އޭނާއަކީ ޔަހޫދީން ކުރިއަރުވާ މީހެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އެހާ ހަނި ނަޒަރަކުން މިކަމާ މެދު ވިސްނައިފިނަމަ ޕާޓީއަށް ގެއްލުން ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނުގައިވާ ގޮތުން، 20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ ރާއްޖޭގައި މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓުމެންޓެވެ. އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ރަސްމާލޭގެ "އާބަން އޭރިއާ"ގައި ވޯޓާ ފްރަންޓު މެރީނާއަކާއި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުތައް ތަރައްގީކުރާނެއެވެ. މީގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތަކާއި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސް ސެންޓަރުތައް ވެސް މި ސަރަހައްދުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން 54،000 އެއްހާ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް އީގަލް ހިލްސްއިން ބުނެއެވެ. އަދި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް، ޓޫރިޒަމްގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރު ނެރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.