ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ 1 ބިލިއަން ރުފިޔާގެ ލޯނު ސްކީމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހު ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.
ރައީސް މިކަން ހާމަކުރެއްވީ "ރާއްޖެ އެކްސްޕޯ 2026" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާން ވިޔަފާރިވެރިންނަށް ލޯނު ލިބޭނެ އިންތިޒާމުތައް އިތުރަށް ތަނަވަސްކުރުމުގެ ގޮތުން މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މި ލޯނު ސްކީމުގެ ދެވަނަ ފިޔަވަހި އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ޒުވާން ވިޔަފާރިވެރިން ކުދި އަދި މެދުފަންތީގެ ދާއިރާގައި އެކި ބާވަތުގެ ވިޔަފާރިތައް ފެށުމަށާއި، ފަށާފައިވާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފުކުރި "ޔޫތު އެންޓްރަޕްރިނާޝިޕް ފައިނޭންސިން ސްކީމް" ގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމިފައެވެ. މި ފިޔަވަހީގެ ތެރެއިން 3000 އަށް ވުރެ ގިނަ ވިޔަފާރިއަކަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ނިންމާފައިވާ ބޮޑެތި ލުއިތަކުގެ ތަފުސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއަކަށް ވެސް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެތެރެކުރާ ރޯ މެޓީރިއަލްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރު ފެށޭއިރު މި ދާއިރާއަށް ހާއްސަ ޓެކްސް-ފްރީ ޒޯންތަކެއް ގާއިމުކުރުމުގެ މަސައްކަތް 3 އަހަރުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އައްޑޫ ސިޓީން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އިއުލާން ކުރެއްވި އެވެ.
