ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށްޓަކައި އެތެރެކުރާ ރޯ މެޓީރިއަލްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މިކަން އިއުލާން ކުރެއްވީ "ރާއްޖެ އެކްސްޕޯ 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ލުއި ދިނުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މީގެއިތުރުން ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން މި ދާއިރާއަށް ހާއްސަ ޓެކްސް-ފްރީ ޒޯންތަކެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން 3 އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއަކަށް ވެސް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓުގައި ވިޔަފާރި ކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ހިންގާ 1 ބިލިއަން ރުފިޔާގެ ލޯނު ސްކީމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހު ފަށާނެކަން ވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ. މި ސްކީމުގެ ފުރަތަމަ ފިޔަވަހި ނިމުނުއިރު، 3000 އަށް ވުރެ ގިނަ ވިޔަފާރިއަކަށް ވަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައެވެ.