ގދ. ތިނަދޫގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނުވަ ދިވެހިންނެވެ.
މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އެކަކު 30 ދުވަހަށް، އެކަކު 15 ދުވަހަށް، އެކަކު 10 ދުވަހަށް އަދި ހަތަރު މީހަކު ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މި ނުވަ މީހުންގެ ތެރެއިން މިހާތަނަށް ގާނޫނީ ވަކީލަކު ހަމަނުޖެހި ތިބި މީހުންނަށް، ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.
ފުލުހުން ބުނީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ އެ ރަށުގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ވަނީ ފާހަގަކުރެވިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުން ދަނީ މި ތުހުމަތުތަކާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.
