ކެންސަރު ޖެހިފައިވާ ސެލްތަކުގެ އެތެރޭގައި ހުންނަ މާއްދާތައް ބޭނުންކޮށްގެން އެ ސެލްތައް އަމިއްލައަށް ހަލާކުވެ ނެތިގެންދާނެ އާ އުކުޅެއް ޖަޕާނުގެ ސައިންސްވެރިންގެ ޓީމަކުން ހޯދައިފިއެވެ. ޖަޕާނުގެ ރިކެން ޕަޔޮނިއަރިން ރިސާޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ތަރައްގީކުރި މި ޓެކްނޮލޮޖީގެ ސަބަބުން ކެންސަރު ނައްތާލުމުގައި ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް އެއްވެސް ގެއްލުމެއް ނުލިބި ފަރުވާ ދިނުމުގެ އުއްމީދު ވަނީ ބޮޑުވެފައެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ކެންސަރު ސެލްތަކުން ގިނަ އަދަދަކަށް ކާބަން މޮނޮކްސައިޑް ގޭސް އުފައްދާ އުފެއްދުމެވެ. ސައިންސްވެރިން ވަނީ ޕެލޭޑިއަމް ކެޓަލިސްޓް އެކުލެވޭ ހާއްސަ މާއްދާއެއް ސީދާ ކެންސަރު ސެލްތަކުގެ އެތެރެއަށް ވާސިލުވާނެ ނިޒާމެއް ގާއިމުކޮށްފައެވެ. މި މާއްދާ ސެލްތަކުގެ އެތެރެއަށް ދިއުމުން، ސެލްގައި ހުންނަ ކާބަން މޮނޮކްސައިޑާ އެކުވެ، އެތެރެއިން ވިހަ މާއްދާއެއް އުފައްދައެވެ.

ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ގޮތުގައި މި ކެމިކަލް ރިއެކްޝަންގެ ސަބަބުން ކެންސަރު ސެލްތައް އެތެރެއިން ވިހަވެ، އަމިއްލައަށް މަރުވެގެންދެއެވެ. އެހެން ނަމަވެސް، އާދައިގެ ދުޅަހެޔޮ ސެލްތަކުގައި މި ގޭސް ގިނަ އަދަދަކަށް ނުހުންނާތީ، އެ ސެލްތަކަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވާކަން ސައިންސްވެރިން ފާހަގަކުރިއެވެ. މިއީ އާންމުކޮށް ދޭ ކީމޯތެރަޕީގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތައް ކުޑަކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

މި ދިރާސާ އިސްވެ ހިންގެވި ޓީމުން ބުނީ، މި ހޯދުމަކީ ކެންސަރުގެ ފަރުވާގައި އިންގިލާބީ ބަދަލެއް ގެނެސްދޭނެ ފެށުމެއް ކަމަށެވެ. ހަށިގަނޑަށް ބޭރުން ވިހަ ބޭސްތައް ފޮނުވުމުގެ ބަދަލުގައި، ކެންސަރު ސެލްތައް ބޭނުންކޮށްގެން އެ ސެލްތައް ނައްތާލުމަކީ ޓާގެޓެޑް ތެރަޕީގެ އެންމެ ފުރިހަމަ ގޮތް ކަމަށް ވެސް ދިރާސާ ޓީމުން ބުންޏެވެ.

މި އުކުޅު އަދި އޮތީ ލެބޯޓްރީ ޓެސްޓުތަކުގެ މަރުހަލާގައި ކަމަށް ވާތީ، އިންސާނުންގެ ހަށިގަނޑުގައި މި ފަރުވާ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނީ އިތުރު ކްލިނިކަލް ޓްރަޔަލްތަކަށް ފަހުގައެވެ. ނަމަވެސް މި ހޯދުމަކީ ކުރިމަގުގައި ކެންސަރަށް އެންމެ އެކަށޭނަ އަދި ގެއްލުން ކުޑަ ފަރުވާއެއް ހޯދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މައުލޫމާތު: ރިކެން ޕަޔޮނިއަރިން ރިސާޗް އިންސްޓިޓިއުޓް (ޖަޕާން)