ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި ކިޔަވައިދޭ ދެ ބިދޭސީ ޓީޗަރަކު، އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. މި ދެ މައްސަލައަކީ ވެސް މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ދެ މައްސަލައެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ފުރަތަމަ މައްސަލައަކީ 16 އަހަރުގެ އަންހެން ކުއްޖަކަށް ސްކޫލު ޓީޗަރަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވިގެން މި މަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދެވަނަ މައްސަލައަކީ 12 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުދިންނަށް ޓީޗަރަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވިގެން މި މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރި މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ވެސް 52 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ވަނީ ޖަހައިދީފައެވެ.
މި ދެ މައްސަލައާ ގުޅިގެން ވެސް ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދެ ބިދޭސީ ފިރިހެނުން ކަމަށްވާއިރު، މި ދެ މީހުންނަކީ ވެސް އެ ސްކޫލުގައި ކިޔަވައިދެމުންދިޔަ ދެ މީހުންނެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
