ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށްޓަކައި ގޭގައި އިނދެގެން ކަންފަތުގެ ނާރުތައް ހީވާގިކޮށްދޭ ކުޑަ ޑިވައިސްއެއް ބޭނުންކޮށްގެން ދިން ފަރުވާއަކުން، ހާއްސަކޮށް ބޭހުން ދަށްނުވާ ވަރުގަދަ ލޭމައްޗަށްދާ ބަލި ހުންނަ މީހުންނަށް އުއްމީދީ ކުރިއެރުމެއް ލިބިފައިވާކަން ދިރާސާއަކުން ދައްކައިފިއެވެ. އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވާސިޓީ އޮފް ލަންޑަންގެ ދިރާސާވެރިން އިސްވެ ހިންގި މި ދިރާސާގެ ހޯދުންތައް އާންމުކޮށްފައިވަނީ ސައިންޓިފިކް ޖާނަލް "ހައިޕަޓެންޝަން" ގައެވެ.
މި ކްލިނިކަލް ޓްރަޔަލްގައި ލޭމައްޗަށްދާތީ އެކަމަށް ގަވާއިދުން ބޭސް ބޭނުންކުރަމުން އަންނަ 63 މީހުން ވަނީ ބައިވެރިކޮށްފައެވެ. ބައިވެރިން މި ޑިވައިސް ބޭނުންކޮށްފައިވަނީ ފުރަތަމަ ދެ ހަފުތާގައި ކޮންމެ ދުވަހަކު 30 މިނެޓަށެވެ. އަދި އޭގެ ފަހުން އައި 10 ހަފުތާގެ ތެރޭގައި އެ މީހުން މި ފަރުވާ ކުރިއަށް ގެންގޮސްފައިވަނީ ހަފުތާއަކު އެއް ފަހަރު ގޭގައި ތިބެގެންނެވެ.
މި ފަރުވާއަކީ ހަށިގަނޑު ކަފާލުމަކާ ނުލައި ކަންފަތުގެ ހަންގަނޑު މެދުވެރިކޮށް މައި ނާރެއް ކަމަށްވާ ވޭގަސް ނާރު ހީވާގިކުރުމަށް ދޭ ފަރުވާއެކެވެ. މުޅި ދިރާސާގެ އެވްރެޖް ނަތީޖާއަށް ބަލާއިރު ބޭސް ބޭނުންކޮށްގެން ވެސް ޕްރެޝަރު އާދައިގެ މިންވަރަކަށް ކޮންޓްރޯލްވާ މީހުންނަށް މާ ބޮޑު ތަފާތެއް ނުފެނުނު ނަމަވެސް، ލޭގެ ޕްރެޝަރު އިންތިހާއަށް މަތީގައި ހުންނަ މީހުންގެ ޕްރެޝަރު ދަށްކުރުމަށް މި ފަރުވާއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި މި ޓެކްނޮލޮޖީއަކީ އެއްވެސް ނުރައްކަލެއް ނެތި، އަދި ބަލިމީހުންނަށް ފަސޭހަކަމާއެކު ގޭގައި އަމިއްލައަށް ބޭނުންކުރެވޭނެ ވަސީލަތެކެވެ. ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނީ މިއީ މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން މިހާތަނަށް ހެދި އެންމެ ފުރިހަމަ ދިރާސާ ކަމަށާއި، ބޭހުން ރަނގަޅު ނުވާ މީހުންނަށް މިއީ އުއްމީދީ ދޮރެއް ކަމަށެވެ.
ދިރާސާވެރިން ފާހަގަކުރި ގޮތުގައި މި ފަރުވާ މާކެޓަށް ނެރުމުގެ ކުރިން، މީގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ލިބެނީ ސީދާ ކޮން ކަހަލަ ބަލިމީހުންނަކަށްތޯ ކަށަވަރުކުރުމަށްޓަކައި އިތުރު މީހުން ބައިވެރިކޮށްގެން ބޮޑެތި ޓެސްޓުތަކެއް ކުރިއަށް ގެންދަން ޖެހެއެވެ.
ނޯޓު: މި ލިޔުމަކީ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުމެކެވެ. މިއީ ސީދާ ސިއްހީ ލަފައެއް ނޫނެވެ. ސިއްހީ އެއްވެސް ފަރުވާއެއް ބަދަލުކުރުމުގެ ކުރިން އަބަދުވެސް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.
ރެފަރެންސް:
