ހދ. ކުޅުދުއްފުށީގައި އަމިއްލަ އެއްބަނޑު އެއްބަފާ ބޭބެއަށް މަރުގެ އިންޒާރު ދިން މީހަކު ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. ކުޅުދުއްފުށްޓަށް ނިސްބަތްވާ އެ މީހާ އޭނާގެ ބޭބެ ކައިރިން ފައިސާއަށް އެދުމުން ފައިސާ ނުދިނުމުން، ބޭބެ މަރާލާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފަ އެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ފުލުހުންގެ ހާޒިރުގައި ވެސް އޭނާ ވަނީ ބޭބެއަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދީފަ އެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ބުނެފައިވަނީ، އޭނާގެ އަމިއްލަ އިއުތިރާފުން އެ ކުށް ޝަރީއަތަށް ސާބިތުވާތީ ތިން މަހާއި ދެ ދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.

އަދަބު ލުއިކުރުމުގެ ގޮތުން ޖޫރިމަނާއަކަށް ނުވަތަ ގޭބަންދުގެ އަދަބަކަށް ބަދަލުކޮށްދިނުމަށް އޭނާގެ ފަރާތުން އެދުނު ނަމަވެސް، ކޯޓުން ނިންމީ ޖޫރިމަނާ ދެއްކޭނެ މާލީ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތް ކަމަށެވެ. އަދި އޭނާ ކުރި ކުށުގެ ބާވަތަށާއި އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު އެ އަދަބު އެހެން އަދަބަކަށް ބަދަލުކުރެވެން ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.