ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މަގުތަކުގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ އާންމު ބަހެއް، ހަގީގީ ބިރުވެރި ފިލްމެއްގެ މަންޒަރަކަށް ބަދަލުކޮށްލައިގެން ކުރިއަށްގެންދާ "ޒޮމްބީ ބަސް" ދަތުރުތައް ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދައިފި އެވެ. "ޒޮމްބީ އެޓޭކް" ގެ ނަމުގައި މި ދުވަސްވަރު ސޯލްގައި ކުރިއަށްގެންދާ މި ހާއްސަ ހަރަކާތަކީ ހެލޮވީންއާ ދިމާކޮށް އެ ސިޓީގެ ރޭގަނޑުގެ ރީތި މަންޒަރުތައް ބަލާލުމުގެ އިތުރުން ތަފާތު ބިރުވެރި ތަޖުރިބާއެއް ދިނުމަށް ތައްޔާރުކޮށްފައިވާ ދަތުރެކެވެ.

ސޯލް ސިޓީ ޓުއާ ބަހުގައި ކުރިއަށްގެންދާ މި ދަތުރުގައި، މަޝްހޫރު ފިލްމު "ޓްރެއިން ޓު ބުސާން" ފަދަ ފިލްމުތަކުން ފެންނަ ގޮތަށް މޭކަޕްކޮށްފައިވާ އެކްޓަރުން ކުއްލިއަކަށް ބަހުގެ ތެރެއަށް އަރައި ފަސިންޖަރުން ބިރުގަންނަވާލަ އެވެ. އަދި ބަހުގެ ބިއްލޫރިގަނޑުތަކުގައި ތަޅައި، ބަސް ތެރޭގައި ހަޅޭއްލަވައި ހަދާ މަންޒަރުތައް ފެންނަ ވީޑިއޯތައް ޓިކްޓޮކާއި އިންސްޓަގްރާމްގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މި ދަތުރުގައި ބައިވެރިވާ މީހުން ބުނާ ގޮތުގައި މިއީ ހަމައެކަނި ބަހެއްގައި އިނދެގެން ބަލާލާ މަންޒަރެއް ނޫނެވެ. މުޅި ބަހުގެ މާހައުލާއި، އަޑުތަކާއި، އަދި އެކްޓަރުންގެ ހަރަކާތްތައް ހުންނަނީ ހަގީގަތުގައި ވެސް ޒޮމްބީންގެ ހަމަލާއަކަށް ފަސިންޖަރުން ހުށަހެޅިފައިވާ ކަމުގެ އިހުސާސް ކުރެވޭ ގޮތަށެވެ. އެހެންކަމުން މިއީ ބިރުވެރި ކަންކަމަށް ޝައުގުވެރިވާ މީހުންގެ މެދުގައި ވަރަށް ބޮޑަށް ހިނގާފައިވާ ކަމެކެވެ.

މި ހަރަކާތް އިންތިޒާމުކުރި ފަރާތުން ބުނީ މި ޕްރޮގްރާމަކީ ސިޓީގެ ރީތި މަންޒަރުތައް ބަލާލުމުގެ އާންމު ދަތުރުތަކަށް ވުރެ ބޮޑަށް، މީހުން ޝައުގުވެރިވާނެ ފަދަ ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ކަމެއް ކަމަށެވެ. އަދި މި ދަތުރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ގިނަ އަދަދެއްގެ މީހުން ޓިކެޓު ގަންނަމުންދާ ކަމަށް ވެސް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

މި މަހުގެ ނިޔަލަށް ސޯލްގައި ކުރިއަށްގެންދާ މި "ޒޮމްބީ އެޓޭކް" ދަތުރުތަކުގެ ޓިކެޓުތައް މިހާރު ވެސް ގާތްގަނޑަކަށް ވަނީ ހުސްވެފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ސިޓީއަށް ޒިޔާރަތްކުރާ ޓޫރިސްޓުން ވެސް މި ތަޖުރިބާ ހޯދުމަށް ދަނީ ޓިކެޓު ހޯދަން މަސައްކަތްކުރަމުންނެވެ.