ފުވައްމުލަކު ސިޓީގެ ގޮނޑުދޮށުން މޫދާ ދިމާލަށް ގޮތްނޭނގޭ ބިރުވެރި ކަޅުކުލައިގެ އެއްޗެއް ފައިބައިގެން ދިޔަ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ. މި ވީޑިއޯ ދާދިފަހުން އެކި ޕްލެޓްފޯމުތަކުގައި ވައިރަލްވެ، އާންމުންގެ މެދުގައި ބޮޑު ބަހުސަކަށް ވަނީ ވެފަ އެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ޒުވާން ފިރިހެން ކުއްޖަކު ރޭގަނޑުގެ ވަގުތެއްގައި ސައިކަލެއްގެ މަތީގައި އިންދައި، ކަޅުކުލައިގެ ބޮޑު އެއްޗެއް މޫދާ ދިމާލަށް ފައިބައިގެންދާ މަންޒަރެވެ. އެ މަންޒަރު ފެނުމާ އެކު އެ ކުއްޖާ ބިރުން ގޮސް، ރަހުމަތްތެރިން ގޮވައިގެން އެ ސަރަހައްދު ބަލައި ފާސްކުރަން އައިއިރު އެތަނުން އެއްވެސް އެއްޗެއް ފެންނަން ނެތް ކަމަށް ވީޑިއޯއިން ދައްކަ އެވެ. ނަމަވެސް ބޮޑަށް ބެލެވެނީ މިއީ ހަގީގީ ހާދިސާއެއް ނޫން ކަމަށާއި، މިއީ ސޯޝަލް މީޑިއާގައި މަޖަލަކަށް ބަޔަކު ތައްޔާރުކޮށްފައިވާ "މީމް" އެއް ކަމަށެވެ.
ފުވައްމުލަކު ސިޓީކެމްތައް:
މިފަދަ ވީޑިއޯއެއް އާންމުވެފައިވާއިރު، ފުވައްމުލަކު ސިޓީގައި ދާދިފަހުން ވަނީ އާންމުންނަށް ފެންނަ ގޮތަށް ލައިވް ކެމެރާ މެދުވެރިކޮށް ބެލޭނެ ނިޒާމެއް ގާއިމުކޮށްފަ އެވެ. އެގޮތުން "ސިޓީ ކެމް" ގެ ނަމުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ތައާރަފުކުރި ނިޒާމުގެ ދަށުން، ފުރަތަމަ ކެމެރާ ދޫކޮށްލީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. އެއީ މަސް މާރުކޭޓުގައި މަސް ހުރިތޯ ރައްޔިތުންނަށް ގޭގައި ތިބެގެން ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް 24 ގަޑިއިރު ބެލޭނެ ގޮތަށް ހެދި ލައިވް ފީޑެކެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެފައިވަނީ، މި މަޝްރޫއަކީ "ސްމާޓް ސިޓީ" އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ތުނޑި ސަރަހައްދާއި ކުޅި ސަރަހައްދު ފަދަ އާންމުން އެއްވާ އެހެން ތަންތަނުގައި ވެސް ސިޓީ ކެމްތައް ހަރުކުރަން ރާވާފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފައިވެ އެވެ.
މީގެ އިތުރުން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫއެންއޯޑީސީ އަދި ޖަޕާނުގެ އެހީގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތެއް ވެސް ވަނީ މީގެ ކުރިން ނިންމައިފަ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ މާޗު މަހު ފަށައި، އެ އަހަރުގެ މެއި މަހުގެ ފަހުކޮޅު ވަނީ އެއްކޮށް ނިންމާލައިފަ އެވެ.
