ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން ދައްކުވައިދޭ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހުޅުއްވައިދެއްވައިފިއެވެ. ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުއިއްޒު މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު، އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ބައިވެރިންގެ އުފެއްދުންތަކާއި މަސައްކަތްތައް ވަނީ ބައްލަވާލައްވައިފައެވެ. މިގޮތުން މައުރަޒަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު އެންމެ ފުރަތަމަވެސް ބައްލަވާލެއްވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެވެ. އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދާނީ މިރެއިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
"ފިއުޗާ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިއާރުގެ ދަށުން ބާއްވާ މި އަހަރުގެ މައުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,400 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ 240 ފަރާތަކުން 2,400 އުފެއްދުން ދައްކާލި މިދިޔަ އަހަރާ އަޅާބަލާއިރު 83.5 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތައުލީމީ ދާއިރާއާއި ކުންފުނިތައް ހިމެނެއެވެ. މައުރަޒުގައި ދައްކާލާ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ.
މި އެކްސްޕޯ ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އެންމެ ގިނަ އުފެއްދުން ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ ޖުމްލަ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިން ދާއިރާއިން ބައިވެރިކުރި 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ގިނަ އަދަދެއްގެ ތަކެތި ވަނީ ހުށަހަޅައިފައެވެ.
މުޅި އެކްސްޕޯ ހަތް ޑިސްޓްރިކްޓަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ވާދަކުރުމުގެ ބަޔަށް ހާއްސަ ޑިސްޓްރިކްޓާއި، ކްރިއޭޓިވް އިކޮނޮމީ، ޑިޖިޓަލް އެންޑް އިނޮވޭޓިވް، އެންޓަޓެއިންމަންޓް، މާކެޓްޕްލޭސް، ވިޒިޓާ އިކޮނޮމީ އަދި އިންޓަނޭޝަނަލް އެގްޒިބިޓާސް ޑިސްޓްރިކްޓް ހިމެނެއެވެ. މި މައުރަޒުގެ ތެރެއިން ދިވެހި ސަގާފީ މަސައްކަތްތަކާއި، ޒަމާނީ ސުމޭކު އުފެއްދުންތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހުނަރުވެރިކަން އެއް ފުރާޅެއްގެ ދަށުން ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.
