އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ) އިން ބޭއްވި 11 ވަނަ އެވޯޑް ހަފުލާގައި ރާއްޖޭގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ އެވެ.
މި އެވޯޑުތަކުގެ ތެރެއިން އެ ކުންފުނީގެ އިސްލާމިކް ވިންޑޯ ކަމަށްވާ "އެލައިޑް ތަކާފުލް" އަށް ވަނީ އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާގެ އެވޯޑު ލިބިފަ އެވެ. މީގެ އިތުރުން "ކަމަނަ ތަކާފުލް" އަށް ލިބުނީ އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔާ އެވޯޑެވެ.
މި އެވޯޑް ދިނުމުގެ ހަފުލާ ބާއްވާފައި ވަނީ އަންގާރަ ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގަ އެވެ. ޔޫޓީއޯ އެޑިއުކޮންސަލްޓުން "ބިލްޑިންގ ލެގަސީސް" މި ޝިއާރުގެ ދަށުން އިންތިޒާމުކުރި މި ހަފުލާގައި ސަރަހައްދުގެ މާލީ އިދާރާތަކާއި މި ދާއިރާގެ ގިނަ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ބޭންކިންގ އަދި މާލީ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރި އެވެ.
މި އެވޯޑުތަކަކީ 2025 ވަނަ އަހަރު ތަކާފުލްގެ ވިޔަފާރި ކުރިއެރުވުމަށް އެލައިޑުގެ މެނޭޖުމަންޓުން އެޅި މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. އެގޮތުން އާންމު ލައިފް އިންޝުއަރެންސް ވިއްކުން ހުއްޓާލައި، އޭގެ ބަދަލުގައި ދިރިއުޅުމުގެ ރައްކާތެރިކަމަށް ފެމިލީ ތަކާފުލް ހިޔާރުކުރުމަށް އެޅި ސްޓްރެޓީޖިކް ފިޔަވަޅު ހިމެނެ އެވެ.
މީގެ އިތުރުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ތަކާފުލް ހިދުމަތްތައް ފުޅާކުރުމަށް އެލައިޑުން ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެލައިޑް މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ އާ ކަސްޓަމަރުންނަށް އާންމު އިންޝުއަރެންސްގެ ބަދަލުގައި ހަމައެކަނި ތަކާފުލްގެ ހިދުމަތްތައް ފެންނާނެހެން ވަނީ ބަދަލު ގެނެސްފަ އެވެ.
މި ބަދަލުތަކާ އެކު ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ހިންގި މާކެޓިން އަދި ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގެ ސަބަބުން، 2024 އިން 2025 އަށް ތަކާފުލް އާމްދަނީ ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. އެލައިޑް ތަކާފުލް އާއި ކަމަނަ ތަކާފުލް އަށް ލިބުނު މި ބައިނަލްއަގުވާމީ އެވޯޑުތަކަކީ ތަކާފުލް ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެކެވެ.
