ފޯނު މެދުވެރިކޮށް ސެންޓުގެ ވަސް ބަލާލެވޭނެ އާ ޓެކްނޮލޮޖީއެއް ސައިންސްވެރިން އުފައްދައި، އޭގެ ޓެސްޓުތައް ފަށައިފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ "ސެންޓްރޯނިކް" ނަމަކަށް ކިޔާ މި ޓެކްނޮލޮޖީއަކީ އެކި ކަހަލަ ވަސްތައް ވަކިކޮށް ދެނެގަނެ، އެހެން ޑިވައިސްއެއް މެދުވެރިކޮށް އެ ވަސް އަލުން އުފައްދައިދޭ ނިޒާމެކެވެ.
މި އީޖާދުގެ ސަބަބުން ޑިޖިޓަލް މުވާސަލާތަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ފޯނުން ވާހަކަދައްކާއިރު ނުވަތަ ވީޑިއޯ ކޯލުތަކުގައި ތިބޭއިރު އެއް ފަރާތުން އަނެއް ފަރާތަށް ވަސް ފޮނުވުމާއި، އިންޓަނެޓު މެދުވެރިކޮށް ވިޔަފާރިކުރާއިރު ސެންޓު ފަދަ ތަކެތީގެ ވަސް ބަލައިލުމުގެ ފުރުސަތު މި ޓެކްނޮލޮޖީގެ ސަބަބުން ކުރިމަގުގައި ފަހިވެގެންދާނެއެވެ.
މި ވަގުތު މި ޓެކްނޮލޮޖީ އޮތީ ތަރައްގީކުރުމުގެ ކުރީކޮޅުގެ މަރުހަލާގައެވެ. މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކަށް ބަލާއިރު، މި ނިޒާމަށް ކާމިޔާބުކަމާއެކު ދެނެގަނެވިފައިވަނީ މައިގަނޑު ފަސް ވަހެކެވެ. އޭގެ ތެރޭގައި ކޮފީ، ކޭކު އަދި އޮރެންޖުގެ ވަސް ހިމެނެއެވެ.
މި ޓެކްނޮލޮޖީ ތަރައްގީކުރާ ދިރާސާވެރިން ބުނީ، މިއީ އިންޓަނެޓު މެދުވެރިކޮށް ވިޔަފާރިކުރާ މީހުންނަށް ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ އީޖާދެއް ކަމަށެވެ. ހާއްސަކޮށް އޮންލައިންކޮށް ސެންޓު ގަންނައިރު ވަސް ބަލައިނުލެވޭ މައްސަލައަށް މި އީޖާދުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ސައިންސްވެރިން އަންނަނީ އިތުރު ވަސްތައް މި ނިޒާމަށް ތައާރަފުކޮށް، މުސްތަގުބަލުގައި ސްމާޓްފޯނުތަކާއި އެހެނިހެން ޒަމާނީ ޑިވައިސްތަކުގައި ފަސޭހައިން ބޭނުންކުރެވޭނެ ފެންވަރަށް މި ޓެކްނޮލޮޖީ ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
