ވަކި ދީނަކަށްވާތީ ނުވަތަ ވަކި ގައުމަކަށްވީތީ ނަފްރަތު އުފައްދައި ގެއްލުންދިނުމާއި، ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންވާނެ ފަދަ އަމަލުތައް ކުރުމަކީ ބޮޑު ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

މި އިސްލާހުގެ ދަށުން ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުމާއި ދައުލަތަށް ހިޔާނާތްތެރިވުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަކި ހާއްސަ ބާބެއް ވަނީ ހިމަނާފަ އެވެ. އެގޮތުން އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ކަމަކަށް ފަރުވާލެއް ނެތި، މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ކޮމްޕިއުޓާ ސިސްޓަމްތަކަށް ގެއްލުންދިނުމާއި އަސާސީ ހިދުމަތްތައް މެދުކަނޑުވާލުން ކުށަކަށް ހެދުން ހިމެނެ އެވެ. އަދި ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުގެ ހިންގުން ހުއްޓުވުމަށް ކުރާ އަމަލުތަކަކީ ވެސް ޖިނާއީ ބޮޑެތި ކުށްތަކެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ދައުލަތަށް ހިޔާނާތްތެރިވުމުގެ އަމަލުތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވަނީ ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި، އެފަދަ ބަޔަކާ ބައިވެރިވެ ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައިވިޔަސް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އިސްލާމްދީނާ ދެކޮޅު އަމަލުތަކުގެ އަދަބު ބޮޑުކުރުމަށްޓަކައި، ގަތުލުއާންމުގެ ނަމުގައި ގާނޫނުލްއުގޫބާތަށް އާ ބާބެއް އިތުރުކުރުމަށް ވެސް ސަރުކާރުގެ މި ބިލުގައި ވަނީ ހިމަނާފަ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް އެއްވެސް އަމަލެއް ހިންގުމަކީ ކުށެކެވެ. މީގެ ތެރޭގައި އެފަދަ ބަޔަކު މެރުމާއި، ބޮޑެތި ގެއްލުންތަކާއި ނަފްސާނީ އަނިޔާ ދިނުމާއި، އެ މީހުން ޖިސްމާނީ ގޮތުން ހަލާކުވެދާނެ ހާލަތްތައް ގަސްތުގައި ކުރިމަތިކުރުވުން ހިމެނެ އެވެ. އަދި އެފަދަ ޖަމާއަތްތަކަށް ދަރިން އުފަންވިޔަނުދިނުމަށް ފިޔަވަޅު އެޅުމާއި ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުމުގެ އިތުރުން، އެފަދަ ކަމަކަށް ފާޅުގައި ގޮވާލުމަކީ ވެސް ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވެ އެވެ.

މި އިސްލާހުތައް ހުށަހެޅީ ރާއްޖެއިން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ އިންޓަނޭޝަނަލް މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން އެކަންކަން ހުއްޓުވުމަށެވެ. އަދި މި ބިލުގައިވާ އެއްވެސް ކުށެއް ސާބިތުވެއްޖެ މީހަކަށް ކަނޑައެޅޭ އަދަބުގެ އިތުރުން، އެ މީހަކު ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ މަގާމަކަށް ދެން އައްޔަން ނުކުރެވޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.