ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހެދޭ އެސެސްމެންޓަކަށް ބިނާކޮށް، ކުއްޖާ ދިރިއުޅޭ ގޭގައި ހޯމް ސްކޫލިންގެ ދަށުން ކިޔެވޭ ގޮތަށް ތައުލީމީ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް އެވެ. މި ބިލުގެ ފުރަތަމަ ކިއުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މި އިސްލާހުގައިވާ ގޮތުން ހޯމް ސްކޫލިންގެ ދަށުން ކިޔަވައިދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ކަނޑައަޅަން ޖެހެ އެވެ. އަދި މިގޮތަށް ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް، އެ ތަންތަނުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ގަވާއިދާ އެއްގޮތަށް ހިނގާތޯ ބެލުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވެ އެވެ. މީގެ އިތުރުން، މި ފުރުސަތު ލިބޭނީ ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ދަތިވާ ކުދިންނަށެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މިފަދަ ކުދިންގެ ކިބައިގައި މައިގަނޑު ތިން ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެއީ ހާއްސަ ހާލަތެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެވެން ނެތުމާއި، ބެލެނިވެރިންނަކީ ހޯމް ސްކޫލިން ޕްރޮގްރާމެއް ހިންގުމުގެ މާލީ ގާބިލުކަން ހުރި ފަރާތްތަކަކަށް ވުމެވެ. އަދި އޭގެ އިތުރުން މަދުރަސީ ނިޒާމުގެ ތެރެއިން އެ ކުއްޖަކީ ސްކޫލެއްގައި ރަޖިސްޓްރީވެފައިވާ ކުއްޖަކަށް ވާންޖެހޭނެ އެވެ.

ހޯމް ސްކޫލިންގެ ދަށުން ވެސް ކިޔެވުމުގެ ކުޅެދުންތެރިކަން ނެތް ކުދިންނަށް ތައުލީމު ލާޒިމުނުވާނެ ހާލަތްތައް ކަނޑައަޅައި، އެފަދަ ކަންކަމުގައި ބަލާނެ މިންގަނޑުތައް ހެދުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ބާރުދީފަ އެވެ. ހަމައެއާ އެކު، ތައުލީމީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި، ޓީޗަރުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ބަޔާންކުރުމަށް މި ބިލުގައި ހިމަނާފައިވެ އެވެ.

ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ދަރިވަރުންނަށް ހިލޭ ނާސްތާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުން ވެސް މި ބިލުގައި ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރު ޖެނުއަރީ މަހު ފެށުމަށާއި، ކޮންމެހެން ދިމާވާ ސަބަބަކާ ހުރެ ލަސްވި ނަމަވެސް އެންމެ ލަސްވެގެން ފެބްރުއަރީ މަހުގެ ނިޔަލަށް ދިރާސީ އަހަރު ފެށުން ލާޒިމުކުރުމަށް މި އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ.