އުމުރުން ދުވަސްވުމުން އިންސާނާގެ ހަށިގަނޑު މުސްކުޅިވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ މަސައްކަތް ހުއްޓިފައި ހުންނަ ނަމަވެސް މަރުނުވެ ހަށިގަނޑުގައި ހުންނަ ސެލްތައް ކަމަށާއި، ކާބޯތަކެތީގައި ހިމެނޭ ބައެއް ގުދުރަތީ މާއްދާތަކުން މިފަދަ "ޒޮމްބީ ސެލްތައް" ނައްތާލެވިދާނެކަން އެމެރިކާގެ މަޝްހޫރު މާޔޯ ކްލިނިކްގެ ދިރާސާއަކުން ދައްކައިފި އެވެ. ސައިންސްވެރިން ހާމަކުރި ގޮތުގައި މިއީ އުމުރުން ދުވަސްވުމުން ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ހުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ.

ހަށިގަނޑުގައި ހުންނަ މި ބާވަތުގެ ސެލްތަކަށް ސައިންސްވެރިން ދީފައިވާ ނަމަކީ ސެނެސެންޓް ސެލް ނުވަތަ އާންމު ބަހުން ނަމަ "ޒޮމްބީ ސެލް" އެވެ. މިފަދަ ސެލްތަކަކީ އުމުރުން ދުވަސްވުމުން ނުވަތަ ގެއްލުމެއް ލިބުމުން ބައިބައިވުން ހުއްޓޭ، އެކަމަކު އަމިއްލައަށް މަރުނުވެ ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ހަރުލާފައި ހުންނަ ސެލްތަކެކެވެ. އަދި މި ސެލްތަކުން ދޫކުރާ ވިހަ މާއްދާތަކުގެ ސަބަބުން ކައިރީގައި ހުންނަ ދުޅަހެޔޮ އެހެން ސެލްތައް ހަލާކުވެ، ހަށިގަނޑުގައި އިންފްލެމޭޝަން އުފެދި، ހިތުގެ ބަލިތަކާއި ހަނދާން ނެތޭ ބަލި ފަދަ ސިއްހީ މައްސަލަތަކަށް މަގުފަހިވެ އެވެ.

މާޔޯ ކްލިނިކުން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދެއްކި ގޮތުގައި ބަދިގޭގައި އާންމުކޮށް ބޭނުންކުރާ ފިޔާ، އާފަލު، ސްޓްރޯބެރީ އަދި ކެޕާސް ފަދަ ތަކެތީގައި ގުދުރަތީ ގޮތުން ހިމެނޭ ކުއާސެޓިން އަދި ފައިސެޓިން ފަދަ ފްލޭވޮނޮއިޑް މާއްދާތަކަކީ މިފަދަ ޒޮމްބީ ސެލްތައް ހޮވައިގެން ނައްތާލުމުގެ ބާރު ލިބިފައިވާ މާއްދާތަކެކެވެ. ލެބޯޓްރީގައި ކުރި ޓެސްޓުތަކުންނާއި ޖަނަވާރު ބޭނުންކޮށްގެން ހެދި ތަހުލީލުތަކުން އެނގުނު ގޮތުގައި، މި މާއްދާތަކުގެ ސަބަބުން ދުޅަހެޔޮ ސެލްތަކަށް އެއްވެސް ގެއްލުމެއް ނުވެ މި ނުރައްކާތެރި ސެލްތައް ނައްތާލައި، ހަށިގަނޑުގެ މަސައްކަތްތައް އަލުން އާރާސްތުކޮށްދެ އެވެ.

މާޔޯ ކްލިނިކްގެ ޓީމުން ބުނީ މިއީ އިންސާނާގެ ހަށިގަނޑު މުސްކުޅިވުމުގެ ނިޒާމު ދެނެގަތުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ޓީމުން ފާހަގަކުރި ގޮތުގައި މިއީ ހަމައެކަނި އުމުރު ދިގުކުރުމެއް ނޫން ކަމަށާއި، މައިގަނޑު އަމާޒަކީ އުމުރުން ދުވަސްވާއިރު ބަލިމަޑުކަމެއް ނެތި، ހަށިގަނޑުގެ ވަރުގަދަކަން ދަމަހައްޓައިދިނުމެވެ. އަދި މިފަދަ ގުދުރަތީ މާއްދާތަކުން ބޭސް އުފެއްދުމުގެ ކްލިނިކަލް ތަހުލީލުތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އެ ފަރާތުން ބުންޏެވެ.

މި ހޯދުމާ ގުޅިގެން ސައިންސްވެރިން އިރުޝާދު ދެނީ ކެއުމުގައި ތަފާތު މޭވާއާއި ތަރުކާރީ، ހާއްސަކޮށް ފިޔާ އަދި އެކި ވައްތަރުގެ ބެރީ ގިނަކުރުމަށެވެ. މީގެ އިތުރުން ސިއްހަތަށް ފައިދާހުރި ކާނާއާ އެކު ގަވާއިދުން ކަސްރަތު ކުރުމަކީ ވެސް ހަށިގަނޑުގައި ހުންނަ މިފަދަ ބޭކާރު ސެލްތައް މަދުކޮށް، ދުޅަހެޔޮކަން ދަމަހައްޓަން އެހީތެރިވެދޭނެ ކަމެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ނޯޓު: މިއީ ސިއްހީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މައުލޫމާތެކެވެ. ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ނުވަތަ އެއްވެސް ސަޕްލިމެންޓެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ.